28 ޖޫން 2016 - 18:58

ދިރުވާލައިގެން އައްޑު އަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު އުމުރަށް ޖަލަށްލައި 100،000ރ. އިން ޖޫރިމަނާ ކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން މި ހުކުމް އައިސްފައި ވަނީ މަރަދޫ، ނޫކޮކާގެ މައުސޫމް ރަޝީދު، 36، ގެ މައްޗަށެވެ.
އޭނާގެ މައްޗަށް އައި ޖޫރިމަނާ އެއް މަސްދުވަހުގެ ތެެރޭގައި ދައްކަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ދައުލަތުން އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލީ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ ގަން އެއާޕޯޓަށް ޖެއްސި ފްލައިޓެއްގައި މައުސޫމް އައިއިރު، ދިރުވާލައިގެން މަސްތުވާތަކެތި ގެނެސްފައިވާ މައްސަލަ އާ ގުޅިގެންނެވެ.
އޭނާ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ހައްޔަރުކޮށް ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސް ދިރުވާލައިގެން ހުރި މަސްތުވާތަކެތި ހޯދާފަ އެވެ. އޭގެ ތެރޭގައި ނުވަ ބުލެޓުގައި 92.8022 ގްރާމް ޑައިމޯފިން ހުރި ކަމަށް އެ ތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާފައިވެ އެވެ.
މި މައްސަލައިގައި މައުސޫމްގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެއީ ފައިސާގެ ދަހިވެތިކަމުގައި އޭނާ އައްޑު އަށް އެތެރެކުރި މަސްތުވާތަކެތިކަން އިއުތިރާފުން އެނގޭ ކަމަށެވެ.