28 އޯގަސްޓް 2017 - 15:12

ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ހޯދަން މީގެ ކުރިން އިއުލާން ކޮށްފައި ވަނިކޮށް، އަނެއްކާވެސް އިތުރު ދެ ފަނޑިޔާރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާން ކޮށްފި އެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ހޯދަން ޖޭއެސްސީން މި މަހުގެ 17 ވަނަ ދުވަހު އިއުލާން ކޮށްފައި ވަނިކޮށް، އެ ކޮމިޝަނުން މިއަދު ކުރި އާ އިއުލާނެއްގައިވާ ގޮތުން ކްރިމިނަލް ކޯޓަށް އިތުރު ދެ ފަނޑިޔާރު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ، މިހާރު އެ ކޯޓަށް ހޯދަން ބޭނުންވާ ފަނޑިޔާރުންގެ އަދަދު ހަތަރަކަށް ވަނީ އިތުރުވެފަ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭއިރު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަހުމަދު ރަޝީދު ޖޭއެސްސީން ދާދި ފަހުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.