މުއްދަތު ހަމަވިއިރު އެމްޑީޕީން ޖޫރިމަނާ ފައިސާއެއް ނުދެއްކާ
މުއްދަތު ހަމަވިއިރު އެމްޑީޕީން ޖޫރިމަނާ ފައިސާއެއް ނުދެއްކާ

ޓްވިޓަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެމްޑީޕީ ކުރި ޖޫރިމަނާ، މުއްދަތު ހަމަވިއިރު ވެސް ނުދައްކާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ) މި މަހުގެ 15 ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރުކުރާތީ، އެތަނުގެ ކައިރިއަށް އެއްވުމަށް ގޮވާލި ކަމަށް ބުނެ އެ ޕާޓީ ވަނީ 60،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. މި މަހުގެ 19 ވަނަ ދުވަހު ކުރި އެ ޖޫރިމަނާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އީސީން ވަނީ އެމްޑީޕީއަށް އަންގައިފަ އެވެ.

ނަމަވެސް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވީ އެ ޕާޓީ އަށް ގާނޫނީ ގޮތުން އީސީން ދޭންޖެހޭ ފައިސާ އަދިވެސް ނުދޭ ކަމަށެވެ. އެހެންވެގެން ޖޫރިމަނާގެ ފައިސާ އެމްޑީޕީން ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެެވެ.

"އީސީން މި ޕާޓީއަށް ދޭންޖެހޭ ގާތްގަނޑަކަށް ހަތް މިލިއަނެއް ރުފިޔާ އެބައޮތް. އެހެންވެ އެ ފައިސާ ނުދައްކާތީ ޖޫރިމަނާގެ ފައިސާ ވެސް އަޅުގަނޑުމެން ނުދައްކަން،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ޖޫރިމަނާކުރީ ވެސް ގާނޫނާ ޚިލާފަށެވެ.

ފުލުސް އޮފީސް ކައިރީއަށް އެއްވުމަށް އެމްޑީޕީން ގޮވާލަމުން ދާތީ މީގެ ކުރިން ވެސް އީސީ އަށް މައްސަލަ ހުށަހަޅާފައިވާތީ، އެ ކޮމިޝަނުން އެމްޑީޕީ އަށް ކުރިން ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ. އެ ޝަކުވާތަކާ ގުޅިގެން އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށާއި އެކަން ތަކުރާރުވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މިދިޔަ އޭޕްރިލް މަހު އެމްޑީޕީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާނެ ކަމަށް އީސީން ބުންޏެވެ.