28 އޯގަސްޓް 2017 - 14:06

ބިރުވެރި ފިލްމްތައް ހަދައިގެން މަޝްހޫރުކަން ހޯދި ހޮލީވުޑްގެ ޑައިރެކްޓަރު ޓޯބް ހޫޕާ ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ.
އޭނާގެ އާއިލާ އިން ބުނީ 74 އަހަރުގެ ޑައިރެކްޓަރު މަރުވީ ގުދުރަތީ މަރަކުން ކަމަށާއި އާއިލާ އަށް މިއީ ވަރަށް ހިތާމަވެރި ދަނޑިވަޅެއް ކަމަށެވެ. ހޫޕާގެ މަރާ ގުޅިގެން ހޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ އާއިލާ އަށް ތައުޒިޔާ ފޮނުވައި ހިތްވަރުދީ ޓްވީޓްކޮށްފަ އެވެ.
ހޫޕާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި ދަ "ޓެކްސަސް ޗެއިން ސޯ މެސަކާ" (1974) ގެ އާއި ދަ ޕޮލްޓަގެއިސްޓް (1982) ހިމެނެ އެވެ.
އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2013 ގައި ރިލީޒް ކުރި ސްޕަނެޗްރަލް ތުރިލާ "ޖިން" އެވެ.
ފީޗާ ފިލްމްތަކުގެ އިތުރުން ހޫޕާ ވަނީ ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތައް ވެސް ޑައިރެކްޓްކޮށްފަ އެވެ. އޭގެ ތެރޭގައި ހޯންޓެޑް ލިވްސް: ޓްރޫ ގޯސްޓް ސްޓޯރީޒް (1991)، ޑާކް ސްކައި (1997) އަދި މާސްޓާޒް އޮފް ހޮރޯ (2005) ފާހަގަކޮށްލެވެ.
ހޫޕާ ޑައިރެކްޓް ކުރި ފިލްމްތަކުގެ ތެރެއިން ކްރިޓިކުންގެ މެދުގައި އެންމެ ނަގާ ކިޔާ ފިލްމަކީ ދަ ޓެކްސަސް ޗެއިން ސޯ މެސެކާ އެވެ. ތިންލައްކަ ޑޮލަރުގެ ބަޖެޓަކުން އުފެއްދި އެ ފިލްމަށް ބޮކްސް އޮފީހުގައި 30.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"ދަ ޓެކްސަސް ޗެއިން ސޯ މެސެކާ" އަކީ މިހާތަނަށް އުފެއްދި އެންމެ ބިރުވެރި ފިލްމްތަކުގެ ލިސްޓްގެ ކުރީގައި ހިމެނޭ ހޮރޯ ޖޯންރާގެ ނުފޫޒު ގަދަ ފިލްމެލެވެ.