28 އޯގަސްޓް 2017 - 12:39

ލަންޑަން (އޮގަސްޓް 28) - ޗެލްސީގެ ކޯޗުކަމުން ވަކިކުރަން އުޅޭ ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް، އޭނާ ހުރީ އެ މަގާމަށް ފުރިހަމަ ސަމާލުކަންދީގެން ކަމަށް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ކްލަބުގެ ބޯޑް މެމްބަރުންނާއި ކޮންޓޭއާ ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށާއި ކޮންޓޭ ވަކިކޮށް އެ މަގާމަށް ބޮރޫޝިއާ ޑޯޓްމަންޑުގެ ކުރީގެ ކޯޗު ތޯމަސް ޓުޝެލް ގެންނަން އުޅޭ ކަމަށް ވާހަކަ ދެކެވިފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކޮންޓޭ ހިތްހަމަނުޖެހިގެން އުޅެނީ ޓްރާންސްފާގެ މައްސަލައިގަ އެވެ.
"އަހަރެން ސަޕޯޓަރުންނަށް ދޭން އޮތް މެސެޖް އަބަދުވެސް އެތްގޮތްވާނެ. އަހަރެން މިހިރީ ސަތޭކަ ޕަސެންޓް ކްލަބަށް ސަމާލުކަންދީގެން. ކުޅުންތެރިންއި ޓީމު ކުރިއެރުވުމަށް ހުރިހާ ސަމާލުކަމެއްހުރީ،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ ސްކޮޑް ވަރުގަދަކުރަން މަސައްކަތްކުރާއިރު އެކަމަށް ކޯޗު ހިޔާލު ދޭނެ ކަމަށާއި އެއަށް ފަހު ކުޅުންތެރިން ހޯދަން ޓްރާންސްފާ މާކެޓަށް ކްލަބް ވަންނާނެ ކަމަށެވެ.
"ބައެއް ފަހަރު އެކަން ހާސިލްވޭ. ބައެއް ފަހަރު އެކަން ނުވޭ. އެކަމަކު އަހަރެން ޖެހޭ ދަނޑު މައްޗަށް ސަމާލުކަންދީ (ތިބި) ކުޅުންތެރިންނާ އެކު މަސައްކަތްކުރަން،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ޗެލްސީ ހަތް މެޗު ކުޅެން ޖެހޭ ކަމަށާއި މަހެއްގެ ތެރޭ ހަތް މެޗު ކުޅުން ފަސޭހަނުވާނެތީ ކުޅުންތެރިން ރޮޓޭޓްކުރަން ޖެހޭ ކަމަށެވެ.
"ކްލަބުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުން ޓީމު ވަރުގަދަކުރަން. އެކަމަކު އަހަރެން ތަކުރާރުކުރަން. އެކަމަކު އަހަރެން މިހިރީ ތައްޔާރަށް ތިބި ކުޅުންތެރިންނާ އެކު ވެސް މަސައްކަތްކުރަން،" ކޮންޓޭ ބުންޏެވެ.