29 އޯގަސްޓް 2017 - 07:38

އިރުކޭތައަށް ބެލިޔަސް ލޮލަށް ކަމެއް ނުވާނެ ކަމަށް ބުނި، މަޝްހޫރުކަން ހޯދަމުން އަންނަ ރެޕް ލަވަކިޔުންތެރިޔާ ޖޯއީ ބޭޑްއެސްގެ ލޯ ހަލާކުވެ ޝޯތަކެއް ކެންސަލްކުރަން ޖެހިއްޖެ އެވެ.

އުމުރުން 22 އަހަރުގެ ޖޯއީ މިހާތަނަށް ދެ އަލްބަމެއް ރިލީޒްކޮށްފައިވާއިރު އެ ދެ އަލްބަމް ވެސް ވަނީ ޔޫސް ޓޮޕް ފައިވް ޗާޓަށް އަރާފަ އެވެ. މިދިޔަ ހަފުތާގައި އޭނާ އޮތީ އެމެރިކާ އާއި ކެނެޑާގައި ޝޯތަކެއް ދޭ ގޮަތަށެވެ.
ޝޯތައް ކެންސަލްކުރަން ޖެހުނު ސަބަބަކަށް ވީ ނޯތު އެމެރިކާގެ ގައުމުތަކަށް މިދިޔަ ހޯމަ ދުވަހު ފެނުނު އިރުކޭތަ އެވެ.
އިރުކޭތަ އަށް ހަމަލޮލުން ބެލުމުން ލޮލަށް ވަރަށް ބޮޑެތި ގެއްލުންތައް ވާނެކަން މިޒަމާނުގައި ނޭނގޭ މީހަކު ވަރަށް މަދުވާނެ އެވެ. ނަމަވެސް ޖޯއީ ބޭނުންވީ އޭނާގެ ސްޓޭޖްނަމާ އެއްވަރުގެ ގަޓް ހުރިކަން ދައްކާލާށެވެ. އެހެންވެ އިރުކޭތަ ބަލަން އޭނާ ކޮންމެހެން ރައްކާތެރިކަމުގެ އެއްޗެއް ބޭނުންކުރަން ނުޖެހޭނެ ކަމަށް ޓްވިޓާގައި އޭނާ އިއުލާން ކުރި އެވެ.
މިގޮތުން އޭނާ ކުރި ޓްވީޓެއްގައި، އިރު ކޭތަ ހިފަނީ މިފަހަރު އަލަށް ނޫން ކަމަށާއި ކާބަފައިން ވެސް އިރުކޭތަ ބަލާފައިވަނީ ފޭންސީ އައިނުތައް އަޅައިގެންހެން ހީނުވާ ކަމަށާއި އެމީހުންގެ ލޯ ވެސް އަނދިރި ނުވާ ކަމަށް ބުނެފައިވެ އެވެ. އަދި ރައްކާތެރިކަމުގެ އެއްވެސް އެއްޗެއް ބޭނުންނުކޮށް ސީދާ ހަމަ ލޮލުން އިރުކޭތަ ބަލާނެކަމަށް ދޭހަވާ މޭރުމަކުން އޭނާގެ އެހެން ޓުވީޓެއްގައި ލިޔެފައިވެ އެވެ.
ނަމަވެސް ކާބަފައިން އިރުކޭތައަށް ބަލަން ލޯ ރައްކާތެރިކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ބުނެފައިވަނީ ލިބިފައިވާ މައުލޫމާތުގެ ކުށަކުން ކަމަށް ބެލެވެ އެވެ. ކޭތައަށް ހަމަލޮލުން ބަލަން ނުވާނެކަމަށް މީހުން ބުނަނީ މިހާރު އެކަންޏެއް ނޫނެވެ. އެއީ ކާބަފައި ޒަމާނުއްސުރެ ބުނެއުޅޭ އަދި ސައިންޓިފިކް ގޮތުން ހެކި ލިބިފައިވާ ވާހަކަ އެކެވެ.
ކޭތައަށް ބެލުމުގައި ރައްކާތެރި ގޮތްތަކަކީ ކޮބައިތޯ ޖޯއީ އޮޅުންފިލުވާފައި އޮތް ނަމަ ހަމަ ލޮލުން އިރު ކޭތަށް ބަލައިފިނަމަ ރެޓިނާގައި ލޯވަޅެއް އެޅިދާނެކަން ވެސް އެނގޭނެ އެވެ.
ނިއު ޔޯކް ޓައިމްސްގައި މިދިޔަ ހޯމަ ދުވަހު ޖަހާފައިވާ ރިޕޯޓެއް ބުނާ ގޮތުން 1963 ވަނަ އަހަރު އިރުކޭތަ ހަމަލޮލުން ބެލި ލުއިސް ތޮމޮސޮސްކީ ކިޔާ 70 އަހަރުގެ މީހަކު ކޭތަ އަށް ބެލިފަހުން ލޮލުގެ ތަންކޮޅެއް އެއްކޮށް އަނދިރިވި އެވެ.
ކޭތަ ހިފި ދުވަހުގެ އަނެއް ދުވަހު އޭނާ ވަނީ ދިމާވި ކުއްލި ހާލަތަކާ ގުޅިގެން ކަމަށް ބުނެ ބައެއް ޝޯތައް ކެންސަލްކުރި އެވެ. އަދި އޭނާ އިންސްޓަގްރާމަށް ލި ފޮޓޯއެއްގައި ވަރަށް ބޯ ބިއްލޫރިއެއްހުރި އައިނެއް އަޅައިގެން ހުރި ފޮޓޯއެއް ލާފައިވެއެވެ. އަދި އޭގެ ތިރީގައި އޭނާ ލިޔެފައިވާ މެސެޖުގައި ދުވާލުގެ ވަގުތު އެ އައިނު އަޅައިގެން އުޅެން ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށާއި އެ އަޅައިގެން އުޅެން ވަރަށް ހިތްހަމަނުޖޭކަން ހާމަވާގޮތަށް ލިޔެފައިވެއެވެ.
އޭނާ ޝޯތައް ކެންސަލް ކުރި ވާހަަކަ ބުނުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު "އޭރުވެސް އަހަރެމެން ބުނީމެއް ނޫންހޭ" ކިޔާފައި މެސެޖުތައް ކުރަން ފެށި އެވެ. އަދި އޭނާޔަށް ޖޯކު ޖަހާފައި ވަރަށް މަޖާ ވީޑިއޯތަކާއި ފޮޓޯތައް އަދި މެސެޖުތައް ވެސް ފޮނުވާފައިވެ އެވެ.
އޭނާގެ ލޮލަށް ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް ޖޯއީ ނުބުނި ކަމުގައި ވިޔަސް އޭނާއަށް މަލާމާތްކޮށްފައި ބައެއް މީހުން ކޮށްފައި ހުރި ޓުވީޓްތައް އޭނާ ރިޓުވީޓްކޮށްފައިވެ އެވެ.