28 އޯގަސްޓް 2017 - 11:53

ކޮލަމްބޯ (އޮގަސްޓް 28) - އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން މަގާމުން ދުރުކުރަން އުޅުމުގެ ފަހަތުގައި ވަނީ ބޭހާއި ސިނގިރޭޓް ވިއްކާ ކުންފުނިތައް ކަމަށް ލަންކާގެ ހެލްތު މިނިސްޓަރު ރަޖީތާ ސެނަރަތުނަ ވިދާޅުވެއްޖެ އެވެ.
ލަންކާ ސަރުކާރުގެ ތަރުޖަމާނުގެ މަގާމު ވެސް އަދާކުރައްވާ ސެނަރަތުނަ ވިދާޅުވީ ބޭސް ވިއްކާ އަދި ސިނގިރޭޓް ކުންފުނިތަކުގެ ޕްރެޝަރަށް ސަރުކާރު ފަހަތަށް ނުޖެހޭނެ ކަމަށެވެ.
"ސަރުކާރުން މަސައްކަތް ކުރަނީ ކުންފުނިތަކުން ބުނާ ގޮތަކަށް ނޫން. ރައްޔިތުންގެ ފައިދާ އަށް،" ބޭރުވެލާގައި ބޭއްވި އިވެންޓެއްގައި ސެނަރަތުނަ ވިދާޅުވި އެވެ.
ސެނަރަތުނަ ވިދާޅުވީ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މި ގޮތުން 48 ބޭހެއްގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ. އަދި މެޑިކަލް ސާމާނުގެ އަގު ހެޔޮކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މި ގޮތުން ކުރިން ހާޓް ތިން ސްޓެންޓުގެ އަގު އެއް މިލިއަން ރުޕީސް އަށް ލިބުނު އިރު މިހާރު 315،00 ރުޕީސް އަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ސެނަރަތުނަގެ އިތުބާރު ނެތްކަމުގެ ވޯޓު ޖޮއިންޓް އޮޕޮޒިޝަނުން ބުރާސްފަތި ދުވަހު ޕާލަމެންޓަށް ހުށަހެޅީ 39 މެންބަރުންގެ ސޮޔާ އެކު އެވެ.
ފޮރިން މިނިސްޓަރުގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި ރަވީ ކަރުނަނަޔަކަ ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓު ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފެއިލްކޮށްލާނެ ކަމަށެވެ.