ދައުލަތުން އެދުނު މާއްދާ ސުޕްރީމް ކޯޓުން ބާތިލެއް ނުކުރި
ދައުލަތުން އެދުނު މާއްދާ ސުޕްރީމް ކޯޓުން ބާތިލެއް ނުކުރި

ޕާޓީތަކުން އަޅާ ފިޔަވަޅެއްގެ ސަބަބުން އިންތިޚާބީ މަގާމު ނުގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ 16 ވަނަ މާއްދާގެ ބ. ބާތިލްކުރަން ދައުލަތުން އެދިފައި ވިޔަސް ސުޕްރީމް ކޯޓުން އެކަމާ މެދު ގޮތެއް ކަނޑަނާޅައި، ދޫކޮށްލައިފި އެވެ.

ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލާގައި އެ މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ދައުލަތުން އެދިފައިވަނީ އެ މާއްދާ ބާތިލް ކުރުމަށެވެ. އެ މާއްދާ އެގޮތަށް އޮތުމުން ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމާ ފުށުއަރާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

އެކަމަކު އެ މައްސަލަ ނިންމައި، ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ހަތަރު މެމްބަރުންނަށް ސުޕްރީމް ކޯޓުން ރޭ ފޮނުވި ޖަވާބުގައި އެ މާއްދާއާ އެއްވެސް ގޮތެއް ނިންމާފައެއް ނުވެ އެވެ. އެ ޖަވާބުގައި ހަމައެކަނި ބުނަނީ އެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން އެކި ފަރާތްތަކުން އެކި ގޮތަށް މާނަ ކުރަމުންދާއިރު އެއް ބަޔަކު ބުނަނީ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ނިންމީ ކަމަށެވެ.

އެ މާއްދާ ބާތިލްކޮށްފައި ނުވާތީ އެއީ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމުގެ ދަލީލެއް ކަމަށް ހަތަރު މެމްބަރުންގެ ވަކީލުންގެ ޓީމުންގެ ބުނެ އެވެ.

"16 ވަނަ މާއްދާގެ ބ. ބާތިލް ނުކުރެއްވުމުގެ ނަތީޖާއަކީ 16 ވަނަ މާއްދާއަކީ މިހާރު ވެސް އަމަލު ކުރަންޖެހޭ މާއްދާއެކޭ. އެހެންކަމުން ސިޔާސީ ޕާޓީއަކުން ޕާޓީއެއްގެ މެމްބަރަކު ސުލޫކީ މައްސަލައެއްގައި ވަކި ކުރެއްވި ކަމުގައި ވިޔަސް އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ކަނޑައެޅޭނެ ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ހަތަރު މެމްބަރުންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ރޭ ވިދާޅުވި އެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ ކޮމިޝަންގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކޮށްފައި ނުވާތީ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނީ ކަމަށާއި ބައި އިލެކްޝަން ބާއްވާނެ ކަމަށެވެ.