އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތަހުގީގު އަނެއްކާ ވެސް މަހުލޫފަށް ފަށައިފި
އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތަހުގީގު އަނެއްކާ ވެސް މަހުލޫފަށް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް އަނެއްކާވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުކޮށް ތަހުގީގު ފަށައިފި އެވެ.

މަހްލޫފް ރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގައި، އަމުރަށް ނުކިޔަމަންތެރިވި ކަމަށް ތުހުމަތުކޮށް ކަމަށް ފުލުހުން ބުންޏެވެ.

މަހްލޫފު ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ހުކުމް އިއްވާތީ، ކްރިމިނަލް ކޯޓު ދޮށަށް ވަޑައިގެން މީޑިއާ އަށް މައުލޫމާތު ދެއްވަން ހުންނަވަނިކޮށެވެ. އަދި އެ ރޭ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފަ އެވެ.

މަހުލޫފް ވިދާޅުވީ އޭނާ އެރޭ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނިކޮށް، ފުލުހުން އެ މައްސަލާގައި ތަހުގީގު ހިންގަނީ ބާތިލް އިޖުރާތެއްގެ މައްޗަށް ކަމަށެވެ.

ފުލުހުންނަށް ހުރަސްއެޅުމުގެ ދެ ދައުވާއެއް ސާބިތުވެ، 10 މަހާއި 24 ދުވަހަށް މަހްލޫފް މިދިޔަ އަހަރު ޖަލަށްލާފައިވާއިރު، އޭނާ މިނިވަންވީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.