29 ޖޫން 2016 - 08:00

ފިލްމު ކުޅުމުގެ އެދުން އޮތްލެއް ބޮޑުކަމުން ކިޔެވުން ހުއްޓާލެވުނުކަމަށްޓަކައި ބޮލީވުޑް ތަރި ކަރީނާ ކަޕޫރު މިއަދު ހިތާމަ ކުރެ އެވެ. އޭނާ ބުނި ގޮތުގައި ކިޔަވަންވާ ވަރަށް އޭނާއަށް ނުކިޔެވުނީ ފިލްމީ ކެރިއަރަކަށް މާބޮޑަށް ސަމާލުކަން ދެވުނީމަ އެވެ.
"އަހަރެން މާ އަވަސްއަރުވާލައިގެން ފިލްމު ކުޅެން ފެށީމަ ތައުލީމު ފުރިހަމަކުރާނެ ފުރުސަތެއް ނުލިބުނު. މިއީ އަހަރެންގެ ހަޔާތުގެ އެންމެ ދެރަކޮށް ދިމާވި ކަންތައް. ކޮލެޖަކަށް ގޮސް ތައުލީމު ހާސިލު ނުކުރެވުނީމަ މިއަދު އަހަރެން ހިތާމަކުރަން،" ވޯގް މަޖައްލާގެ ޖުލައި މަހުގެ އަދަދަށް ކަރީނާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވެ އެވެ.
ކުޅޭނެ ރަނގަޅު ފިލްމުތައް ޚިޔާރުކުރުމަށް ފިލްމު ސްކްރިޕްޓްތައް ކިޔުމުގެ އިތުރުން ކަރީނާ މިހާރު ކުރާ ވަރަށް މުހިއްމުކަމެއް އެބައޮތެވެ. ނިއުޓްރިޝަނިސްޓް ރުޖުތާ ދިވޭކަރްއާ އެކު ވެލްނަސް ބްލޮގެއް ފެށުމުގެ މަސައްކަތެވެ.
"އަހަރެމެން މި ވިސްނަނީ ކެއުން، ކަސްރަތު، ބަލިވެއިނުން އަދި އިއްދައިން ކެނޑުން ފަދަ، އަންހެނުންނާއި އެމީހުންގެ މައްސަލަތަކާ ގުޅޭ ތަފާތު މައުލޫތަކަށް މި ބްލޮގްގައި ލިޔުމަށް،" ކަރީނާ ބުންޏެވެ.
ކަރީނާ ބުނި ގޮތުގައި މީގެ ހަތަރު އަަހަރު ކުރިންސުރެ އޭނާ އަކީ ޔުނިސެފްގެ ބްރޭންޑް އެމްބެސެޑަރެކެވެ.
ނަމަވެސް އޭނާ ޗެރިޓީގެ ގޮތުގައި ކުރާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ޔުނިސެފާ ގުޅިގެން އިންޑިއާގައި އަންހެންކުދިންނަށް ތައުލީމު އުނގަންނައިދިނުމަށް ވަކާލާތުކުރާ މީހެއްގެ ގޮތުގައި އޭނާ މަސައްކަތްކުރަމުންދާ ކަމަށް ކަރީނާ ބުންޏެވެ.
ކަރީނާގެ އެންމެ ފަހު ފިލްމު "އުޅްތާ ޕަންޖާބު"ގެ ކާމިޔާބުން އޭނާއަށް ހިތްހަމަޖެހުން ލިބުނަސް އޭނާ ކުޅެން ސޮއިކޮށްފައިވާ މާގިނަ ފިލްމުތަކެއް ނެތެވެ.