އަސެންސިއޯ ރެއާލް ސަލާމަތްކޮށްދީފި
އަސެންސިއޯ ރެއާލް ސަލާމަތްކޮށްދީފި

މެޑްރިޑް (އޮގަސްޓް 28) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަތުން 2-1 އިން ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވާން ދަނިކޮށް ޒުވާން މިޑްފީލްޑަރު މާކޯ އަސެންސިއޯ ލަނޑު ޖަހައި 2-2 އިން އެއްވަރުކޮށްފި އެވެ.

މި މެޗުން އެއްވަރުވުމުން ލީގުގައި މިދިޔަ ސީޒަނުން ފެށިގެން ރެއާލުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް ވަނީ ނިމުމެއް އައިސްފަ އެވެ. ރެއާލް ވަނީ ޖެހިޖެހިގެން އަށް މެޗުން މޮޅުވެފަ އެވެ.

ރޭގެ މެޗުގެ 10 ވަނަ މިނިޓްގައި އަސެންސިއޯ ވަނީ ރެއާލަށް ލީޑުނަގައިދީފަ އެވެ. އޭގެ އަށް މިނިޓް ފަހުން ވެލެންސިއާ އަށް އެއްވަރުކޮށްދިނީ ކާލޯސް ސޮލާ އެވެ. މެޗު ނިމެން 13 މިނިޓަށް ވެފައި ވަނިކޮށް ވެލެންސިއާ އަށް ލީޑުނަގައިދިނީ އިންޓަ އިން ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ބަދަލުވި ޖެފްރޭ ކޮންޑޮގްބިއާ އެވެ.

ވެލެންސިއާ އަށް ލީޑުހިފަހައްޓައިލެވުނީ ފަސް މިނިޓަށެވެ. އަސެންސިއޯ ވަނީ މެޗުގެ 83 ވަނަ މިނިޓްގައި ރެއާލަށް އެއްވަރުކޮށްދީފަ އެވެ. މި މެޗުން ރެއާލަށް މޮޅުނުވެވުނުއިރު، އިންޓަނޭޝަނަލް ބްރޭކަށްދާއިރު ވާދަވެރި ބާސެލޯނާ އޮތީ ރެއާލަށް ވުރެން ދެ ޕޮއިންޓު ކުރީގަ އެވެ.

ރެއާލުން މި މެޗު ކުޅުނީ ސަސްޕެންޝަނުގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސާޖިއޯ ރާމޯސް ނުލަ އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ދެއްކި ކުޅުމަށް ބަލާއިރު މި މެޗުން އެ ޓީމަށް ތިން ޕޮއިންޓް ހައްގުވާ ކަމަށެވެ.

"ނަތީޖާއާ މެދު އަހަރެން ހިތްހަމަ ނުޖެހޭ. އެކަމަކު ކުޅުން ވަރަށް ރަނގަޅު. މިއީ އަހަރެމެންނަަށް އެއް ޕޮއިންޓް ލިބެން ޖެހޭ މެޗެއް ނޫން. މިއީ ތިން ޕޮއިންޓުގެ މެޗެއް،" ޒިދާން ބުންޏެވެ.

ފާއިތުވި ދެ ސީޒަނުގައި ވެސް ވެލެންސިއާ ލީގު ނިންމާލީ 12 ވަނައިގަ އެވެ. އެހެން ނަމަވެސް މި ސީޒަނުގައި އެ ޓީމާ ހަވާލުވި މާސެލީނިއޯ ގާސިއާގެ ކޯޗުކަމުގައި އެ ޓީމުން އަންނަނީ ރަނގަޅު ކުޅުމެެއް ދައްކަމުންނެވެ.