ގައިދީ ބޭންޑް: އާ ތަރިންތަކެއްގެ ހުނަރު ދައްކުވައިދިން ފިލްމެއް
ގައިދީ ބޭންޑް: އާ ތަރިންތަކެއްގެ ހުނަރު ދައްކުވައިދިން ފިލްމެއް

"ގައިދީ ބޭންޑް" އަކީ ބޮލީވުޑްގެ އެންމެ ދުވަސްވީ އެއް ފިލްމީ އާއިލާ ކަމަށްވާ ކަޕޫރު އާއިލާގެ އެކްޓަރެއް އަނެއްކާވެސް ބޮލީވުޑަށް ތައާރަފްވީ ފިލްމެކެވެ. ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރު އަދި ރަންބީރު ކަޕޫރުގެ ދެބެންގެ ދެދަރި އާދަރް ޖެއިން އެވެ.

މި ފިލްމުގައި އާދަރް ވަރަށް މޮޅަށް އެކްޓްކޮށްފައިވެ އެވެ. އަދި އޭނާ އަކީ ކާފަ ރާޖް ކަޕޫރުގެ ފަރާތުން އެކްޓިން ހުނަރު ވާރުތަ ވެފައިވާ ކުޅަދާނަ އެކްޓަރެއް ކަން އާދަރް ވަނީ ސާބިތު ކޮށްދީފަ އެވެ.

މި ފިލްމު ރިލީޒްކުރުމާ ދިމާކޮށް ބޮލީވުޑް ވަރަށް ގިނަ ތަރިން ވަނީ އާދަރަށް މަރުހަބާ ކިޔައި ޓުވީޓްތައް ކޮށްފަ އެވެ. އޭގެ ތެރޭގައި އަމީތާބް ބައްޗަން އާއި ރަންވީރު ސިންގް އަދި އަރްޖުން ކަޕޫރު ހިމެނެ އެވެ.

އަމީތާބުގެ ޓުވީޓްގައި އާދަރްގެ ފުރަތަމަ ފިލްމު ރިލީޒްވާތީ އޭނާއަށް ހެޔޮ އެދުންތައް ފޮނުވާފައިވެ އެވެ. އަދި އާދަރް އަކީ އާއިލާގެ މެމްބަރެއް ކަމަށް ބުނެފައިވެ އެވެ.

ރަންވީރާއި އަރްޖުންގެ ޓުވީޓްގައި ވެސް ފިލްމަށް ހެޔޮ އެދުންތައް ފޮނުވައި އަދި ފިލްމު ބަލަން ސިނަމާތަކަށް ދިއުމަށް އާއްމުންގެ ކިބައިން އެދިފައިވެ އެވެ.

"ގައިދި ބޭންޑް" އަކީ ޝަރީއަތް ނިމެންދެން ޖަލަށް ލާފައިވާ ޒުވާން ޖޯޑެއްގެ ވާހަކަ އެވެ. އެ މީހުން ޖަލަށް ވަންނަ ގޮތާއި އަދި ޖަލުގައި ތިބޭ މީހުންނާ ދޭތެރޭ އެތަނުގައި ގޭންގް ހަދައިގެން އުޅޭ މީހުންނާއި އޮތޯރިޓީތަކުން ކަން ކުރާ ގޮތް މި ފިލްމުގައި ދައްކުވައިދެ އެވެ.

އާދަރް ނޫނަސް ފިލްމުގެ ފިލްމުގެ ބަތަލާގެ ރޯލު ކުޅެފައިވާ އަންޔާ ސިންގް އަކީ ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ބޮލީވުޑްގައި ވަރަށް ވިދާލާނެ އެކްޓަރެއް ކަން މި ފިލްމުން އަންޔާ ވަނީ ސާބިތު ކޮށްދީފަ އެވެ.

ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށް ހަބީބް ފައިސަލް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޒުވާނުން ވަރަށް ކަމުދާ ކަަހަލަ ގޮތެއް ހުރި ނަމަވެސް އިންޑިޔާގެ ބޮކްސް އޮފީހުގައި މި ފިލްމު އެއްގޮތަކަށް ވެސް ނުހިނގަ އެވެ.