29 އޯގަސްޓް 2017 - 07:32

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޮކްސް އޮފީސްތަކުގައި ރަސްކަން ކުރަމުން އަންނަ، އާމިރު ޚާންގެ "ދަންގަލް" އަދިވެސް ދަނީ ކުރިޔަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 23 ގައި ރިލީޒްކުރި މި ރެސްލިން ޑްރާމާ ޗައިނާގެ ބޮކްސް އޮފީހުގެ އެއްވަނައިގައި އެތައް ހަފުތާއަކު އޮތުމަށް ފަހު މިހާރު ވަނީ ހޮންގްކޮންގުގެ ބޮކްސް އޮފީހުގައި ވިދަން ފަށައިފަ އެވެ.
ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ހޮނިހިރު ދުވަހުގެ އޮކިއުޕަންސީ އުޅެނީ 96.48 ޕަސެންޓްގަ އެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި "ދަންގަލް"ގެ ހޮންގްކޮންގް ވިޔަފާރި ވެސް އާދަޔާޚިލާފަށް ރަނގަޅެވެ. އެގޮތުން މިހާތަނަށް ދެ ކްރޯޑު އިންޑިއަން ރުޕީސް (3.1 މިލިއަން ޑޮލަރު) އަށް ވުރެ ގިނައިން ވަނީ ލިބިފަ އެވެ.
ހޮންކޮންގްގައި މީގެ ތިން ދުވަސް ކުރިން މި ފިލްމު ރިލީޒްކުރިއިރު އޮތީ ބޮކްސް އޮފީހުގެ ދެ ވަނައިގަ އެވެ. ނަމަވެސް ހޮނިހިރު ދުވަހުން ފެށިގެން ވަނީ އެއްވަނައަށް އަރައިފަ އެވެ.
މި ފިލްމުގައި އާމިރު ޚާން ކުޅެފައިވަނީ މަހާވީރު ޕޯގަޓް ކިޔާ ރެސްލިން ތަޅާ މީހެއްގެ ބައެވެ. އޭނާގެ ދެ އަންހެންދަރިންނަށް މަހާވީރު ރެސްލިން ތަޅަން ތަމްރީނުދީ ތައްޔާރުކޮށް ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރުވަން ކުރާ މަސައްކަތް މި ފިލްމުން ދައްކުވައި ދެ އެވެ. ފިލްމުގައި އާމިރުގެ އަންހެނުންގެ ރޯލު ސާކްޝީ ތާންވަރް އަދާކޮށްފައިވާއިރު ދެ ދަރިންގެ ރޯލު ކުޅެފައިވަނީ ފާތިމާ ސަނާ ޝެއިޚް އާއި ޒާއިރާ ވަސީމް އެވެ.