ތުޝާރު ކަޕޫރު ދަރިއަކު ލިބުނުކަން އިއުލާންކޮށްފި
ތުޝާރު ކަޕޫރު ދަރިއަކު ލިބުނުކަން އިއުލާންކޮށްފި

ތުޝާރު ކަޕޫރަށް ދަރިއަކު ލިބުނުކަން އިއްޔެ އޭނާ އިއުލާނު ކުރުމާއެކު ސޯޝަލް މީޑިއާ ކެކިގަތެވެ. ސަބަބަކީ ތުޝާރު ކައިވެންޏެއް ކުރިކަން ދެނަހުރި މީހަކު ނެތީމަ އެވެ.

ކަންވީ ގޮތް އެނގުނީ މާފަހުންނެވެ. ތުޝާރު އަދިވެސް ހުރީ ހުސްހަށިބަޔަށެވެ. އޭނާ ދަރިއަކު ހޯދީ އައިވީއެފްގެ ޒަރިއްޔާއިން ސަރަގަސީ މަންމައެއްގެ ފަރާތުންނެވެ. ތުޝާރަށް ލިބުނު ފިރިހެން ދަރިފުޅަށް ކިޔަނީ ލަކްޝްޔާ އެވެ.

ތުޝާރު ބުނީ ބައްޕައަކަށް ވާން ބޭނުންވެފައިވާލެއް ބޮޑުކަމުން މިގޮތަށް ކުއްޖަކު ހޯދަން ގަސްތުކުރީ ކަމަށެވެ.

"އަހަރެން ބައްޕައަކަށްވާން ކޮންމެހެންވެސް ބޭނުންވެގެން ޑރ. ފިރުޒާ ޕާރިކް އާ ބައްދަލުކުރީ. މި ޕްރޮސީޖާ އަކީ ޑޮކްޓަރު ދެއްވި ލަފައެއް. މިމަހު އަހަންނަށް 40 އަހަރު ފުރޭނެ. އެހެންކަމުން މިއީ ބައްޕައަކަށް ވާން ވަރަށް ރަނގަޅު ވަގުތެއްކަމަށް އަހަންނަށް ގަބޫލު ކުރެވުނު،" އަމިއްލަ ގޭގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ތުޝާރު ބުނެފައިވެ އެވެ.

ތުޝާރު ގަބޫލުކުރާ ގޮތުގައި މި ލިބުނު ދަރިފުޅާ އެކު އޭނާގެ އާއިލާ ވަނީ ފުރިހަމަވެފަ އެވެ. އަދި ދަރިފުޅު އޭނާއާ ވަރަށް ވައްތަރު ކަމަށް ވެސް ތުޝާރު ބުނެފައިވެ އެވެ.

"އަހަރެން އަބަދުވެސް ސިންގަލް ޕޭރަންޓަކަށް ވާން ބޭނުން. އެހެންކަމުން އަހަރެންގެ ހުވަފެން މިހާރު މިވަނީ ހަގީގަތަކަށް ވެފައި. އަހަރެންގެ އާއިލާގައި މިހާރު ތިބީ ފަސް މީހުން. ކާފަ އާއި މާފަ އަދި ދައްތަ އަދި ލަކްޝްޔާ އާއި އަހަރެން،" ތުޝާރު ބުންޏެވެ.

ތުޝާރަކީ ކުރީގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ޖީތެންދުރަ ގެ ދަރިއެކެވެ. ތުޝާރުގެ ދައްތަ އަކީ މަޝްހޫރު ޓީވީ ޕްރޮޑިއުސަރު އެކްތާ ކަޕޫރެވެ. ބާލާޖީ ފިލްމްސް އާއި ޓެލެފިލްމްސް އަކީ އެކްތާ އާއި އޭނާގެ މަންމަ ޝޯބާ ކަޕޫރު ހިންގާ ފިލްމު އަދި ޓީވީ ސިލްސިލާތައް ޕްރޮޑިއުސްކުރާ ކުންފުންޏެކެވެ.

ތުޝާރުގެ މި ނިންމުމަށް އޭނާގެ މައިންބަފައިންނާއި ދައްތަގެ ތާއީދު ފުރިހަމައަށް އެބައޮތް ކަމަށާއި ކުޑަކުޑަ ލަކްޝްޔާ އަށް އެ އާއިލާއިން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް ތުޝާރު ބުންޏެވެ.

ބޭބީ ލަކްޝްޔާގެ ފުރަތަމަ ފޮޓޯ ތުޝާރުގެ ދައްތަ އެކްތާ ވަނީ ޓްވީޓްކޮށްފަ އެވެ.

ތުޝާރު ދަރިއަކު ހޯދި ގޮތަށް އާމިރު ޚާނާއި ޝާހްރުކް ޚާން ވެސް ވަނީ ދަރިން ހޯދައިފަ އެވެ.

ސަރަގަސީކޮށް ދަރިއަކު ހޯދާ ނަމަ ދަރިމައިވާ އުމުރުގެ ސިއްހަތު ރަނގަޅު އަންހެނަކު ލައްވާ އެކަމަށް އެއްބަސް ކުރުވަން ޖެހެ އެވެ. އަދި އައިވީއެފްގެ ޒަރިއްޔާއިން ދަރިފަނި އަންހެންމީހާގެ ރަހިމަށް ލައިގެން އެ ކުއްޖާ ދުވަސް ފުރެންދެން އަންހެންމީހާގެ ސިއްހަތަށް ފަރުވާތެރިވާން ޖެހެ އެވެ. ވިހެއުމަށްފަހު އަންހެންމީހާ ދަރިފުޅު ހަވާލުކޮށްފައި އަންހެންމީހާ ދަނީ އެވެ. އެ ކުއްޖާއާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ މިފަދަ މީހުން ތިބެނީ މާކުރިއްސުރެ ކޮންޓްރެކްޓްގައި ސޮއިކޮށްގެން އެމީހުން ބޭނުންވާ ފައިސާ ހޯދާ ނިންމައިގެންނެވެ.