ގޮނޑިތަކަށް ވީގޮތެއް ނޭނގެ! އޮތީ ބޮޑު ބަހުސެއް!
ގޮނޑިތަކަށް ވީގޮތެއް ނޭނގެ! އޮތީ ބޮޑު ބަހުސެއް!

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ގޮނޑިއާ މެދު އުފެދިފައިވާ ހިލާފުތައް ނައްތާލުމަށް އެ ދާއިރާތަކުގެ މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ނިންމުން މިރޭ އައި ގޮތުން، ގާނޫނީ ވަރަށް ބޮޑެތި ބަހުސްތަކެއް އުފެދި ގޮނޑި އަށް ވީ ގޮތް އަނެއްކާ ވެސް އޮޅިއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ޖުމްލަ ގޮތެއްގައި ބުނެފައި ވަނީ އެ ގޮނޑިތަކުގެ މައްސަލައިގައި ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަމަށާއި އެކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފައި، އޭގެ ފަހުން އެކަން ކަށަވަރު ކުރުމަށް އަމުރެއް ވެސް ނެރެފައިވާނެ ކަމަށެވެ. އެހެންވެ، މި މައްސަލައިގައި އިތުރު ހުކުމެއް ނެރެން ޖެހޭނެ ކަމަށް ނުފެންނަ ކަމަށް، ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެވެ.

ނިންމުމުގައި ބުނެފައި ވަނީ ހުކުމް ހިނގާނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަަމަށެވެ. ހުކުމުގައި ކަނޑައަޅާފައިވާ އަހުކާމްތައް އެ ކޯޓު އަމުރުގެ ޒަރިއްޔާއިން ކަށަވަރުކޮށްދީފައިވާނެ ކަަމަށާއި އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީޤު ވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށް ބުނެފައި ވެ އެވެ. އެހެންވެ، އެ ތާރީހާ ހަމައަށް މެމްބަރުންގެ ގޮތުގައި ތިބި ބައެއްގެ މެމްބަރުކަމާ މެދު ހިލާފު އުފެދޭނެ އެއްވެސް ސަބަބެއް ނެތްކަން ހުކުމާއި ކޯޓު އަމުރުން އެނގެން އޮންނާތީ އެ މައްސަަލައިގައި އިތުރަށް ގޮތެއް ނިންމަން ނުޖެހޭ ކަމަށް ނިންމުމުގައި ބުނެފައި ވެ އެވެ.

މި ނިންމުމާ އެކު، އެއްވެސް ގޮނޑިއެއް ނުގެއްލޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާއިރު، ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އެ ނިންމުމާ އެކު ގޮނޑިތައް ގެއްލިއްޖެ ކަން ކަށަވަރު ވެއްޖެ ކަމަށެވެ. އަދި މި ނިންމުމާ އެކު ދެ ފަރާތުން ވެސް އަތް ޖަހައި، ސުޕްރީމް ކޯޓަށް ގެންދަނީ ތައުރީފު އޮއްސަމުންނެވެ. އެހެން ނަމަވެސް ހުކުމުގައި ކަނޑައެޅިގެން ވަކިގޮތެއް ބުނެފައި ނުވާތީ ހަގީގަތުގައި އެންމެން ވެސް ތިބީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދާއި ތުލުސްދޫ ދާއިރާގެ މުހަންމަދު ވަހީދު އިބްރާހިމް އަދި މަޑުއްވަރީ ދާއިރާގެ މުހަންމަދު އަމީތުގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މި މައްސަލަ އެންމެ މަތީ ކޯޓަށް ހުށަހެޅުއްވީ ގޮނޑިއާ މެދު ހިލާފެއް އުފެދިއްޖެ ހާލަތެއްގައި އެ މައްސަލަ އެންމެ ފަހުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ވާތީ އެވެ.

އެ ނިންމުމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ "މީގައި މި ބުނަނީ އަޅުގަނޑަށް މާނަކުރެވޭ ގޮތުގައި އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ" ކަމަށެވެ. އޭގެ ފަހުން އޭނާ ވިދާޅުވީ ނިންްމުން މި ލިބުނީ ދެންމެ ކަމަށާއި އެހެންވެ، އެ ހުކުމް ދިރާސާ ކުރައްވާނެ ކަމަށެވެ.

ގާނޫނީ ވަކީލު ހުސެއިން ޝަމީމް ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގާނޫނީ ނަޒަރަކުން ބަލާއިރު އޭނާ އަށް ވެސް ވިސްނެނީ ނިންމުމުގައި ބުނެފައިވާ މައިގަނޑު ވާހަކައަކީ ގޮނޑިއާ މެދު ހިލާފެއް އުފެދިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ނިންމުމުގައި ދެ ކަމެއް ފާހަގަކޮށްފައިވާ ކަމަށެވެ.

"އެއް ކަމަކީ މިއީ ހިލާފު އުފެދިފައި އޮތް ކަމެއް ނޫން ކަމަށް. އަނެއް ކަމަކީ ގޮނޑި ގެއްލޭކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނޭ. އެއީ ސުލޭމާނާ (އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލެއިމާނު އާ) ބެހޭ ކަމެއް ނޫނޭ،" އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވާ ގޮތުން އެ ކޯޓުގެ ހުކުމާ ހަމައަށް މެމްބަރުކަމުގައި ތިބި މީހުންގެ ގޮނޑި ގެއްލުމާ ދޭތެރޭ ސުވާލެއް ނެތް ކަން ސާފުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މިއިން އެއްވެސް ހާލަތެއް ނާންނަ ކަމަށް އެ ނިންްމުމުގައި އެއޮތީ،" ޝަމީމް ވިދާޅުވި އެވެ. އެހެންވެ، އޭނާ ވިދާޅުވީ ގޮނޑި ނުގެއްލޭ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.

ބޭނުންވި ޖަވާބު ހުކުމުން ނުލިބޭކަން އާންމުން ވެސް ދަނީ ފާހަގަ ކުރަމުންނެވެ. ޝަމީމް ވެސް އެކަން ގަބޫލު ކުރައްވަ އެވެ. އޭނާ ވިދާޅުވީ، އެ ހުކުމް ޑްރާފްޓްކޮށްފައި އޮތް ގޮތުން މޮޅުވެގެން ގޮސް ބުނާ އެއްޗެއް ނޭނގެނީ ކަމަށާއި ނުވަތަ ޑްރާފްޓް ކުރުމުގެ ފެންވަރު ދަށް ވެގެން ގޮސް ބުނާ އެއްޗެއް ނޭނގެނީ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ މިރޭ ސުޕްރީމް ކޯޓުން ނިންމީ އެއްވެސް ގޮނޑިއެއް ނުގެއްލޭ ކަމަށް ކަމަށާއި "އެކަން ވަރަށް ސާފު" ކަމަށެވެ.

އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް މިރޭ ވަނީ އުފާ ފާޅުކުރައްވައިފަ އެވެ. އަނެއްކޮޅުން ސަރުކާރުގެ އިސް ބޭފުޅުން ގަބޫލު ކުރައްވަނީ ހަތަރު ގޮނޑިއެއް ހުސްްވެއްޖެ ކަން ކަށަވަރު ވެއްޖެ ކަމަށެވެ.

"ވަރަށް ސާފު. އިލެކްޝަންސް ކޮމިޝަނުން ވަނީ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެފައި،" ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވެ އެވެ. "އެހެން ކަމުން ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ގޮނޑިއާ ދޭތެރޭ ގޮނޑިއާ ދޭތެރޭ ގޮތެއް ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ނުޖެހޭ ކަމަށް."

ސުޕްރީމް ކޯޓުގެ ނިންމުމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހަންމަދު ޝައިނީ ވެސް ވަނީ ތައުރީފު ކުރައްވައިފަ އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބާތިލް ކޮށްދިނުމަށް ކަމަށާއި އެކަމަކު ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެގޮތަށް ނޫން ކަމަށެވެ.

ސިޔާސީ އަދި އާންމުން ވެސް ދެކޭ ގޮތުގައި ސުޕްރީމް ކޯޓުން މިރޭ ނިންމުމަކީ، މިވީ ހުރިހާ ދުވަހެއްގެ އިންތިޒާރަށް އައި ނިމުމެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ސާފު ހުކުމަކަށް އިންތިޒާރުކޮށްގެން ތިއްބާ އައި ނިންމުން މުޅިން ސާފު ނުވާތީ، ބައެއް އާންމުން ބުނަނީ އަނެއްކާ ވެސް މި ޖެހުނީ މި ނިންމުމުގައި ބުނާ އެއްޗެއް ސާފުކުރަން ސުޕްރީމް ކޯޓަށް ދާށެވެ.