27 އޯގަސްޓް 2017 - 15:54

ވޯލްޑް ހޭލްތް އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ސައުތު އީސްޓް އޭޝިޔާގެ ރީޖަނަލް ކޮމިޓީ ބައްދަލުވުމެއްގައި ބައިވެރިވުމަށް ބޮލީވުޑްގެ ސުޕަ ސްޓާރު އަމީތާބު ބައްޗަށް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ. އޭނާއަކީ ޑަބްލިއުއެޗްއޯ އިން ހެޕަޓައިޓިސް އަށް މި ސަރަހައްދުން ކަނޑައަޅާފައިވާ ގުޑްވިލް އެމްބެސެޑަރެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ޕެރަޑައިސް ރިސޯޓުގައި ފަށާ ބައްދަލުވުމަށް އަމީތާބު ރާއްޖެ އަންނަ ދުވަހެއް އަދި ނޭނގެ އެވެ. އެކަމަކު އެ ބައްދަލުވުމުގެ ތެރޭގައި ބާއްވާ ހެޕަޓައިޓިސްއާ ގުޅޭ އަރިމަތީ ހަރަކާތެއްގައި އޭނާ ބައިވެރިވާނެ އެވެ. އެ ހަރަކާތުގައި ބައިވެރިވުމަށްފަހު އަމީތާބު އެނބުރި ގައުމަށް ދާނެ އެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ބާއްވާ މި ބައްދަލުވުމުގައި އެ ރީޖަނަލް ކޮމިޓީގައި ހިމެނޭ 11 ގައުމެއްގެ ސިއްހީ އިސް އޮފިޝަލުން ބައިވެރިވަޑައިގަންނަވާނެ އެވެ.
މި އަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ސިއްހަތަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުންނެވެ. އެ ބައްދަލުވުމުގައި އެކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެ އެވެ.
މިއީ މި ބައްދަލުވުން ބާއްވާ 17 ވަނަ އަހަރެވެ. މީގެ 13 އަހަރު ކުރިން ވެސް ރާއްޖޭގައި ސައުތު އީސްޓް އޭޝިޔާ ރީޖަނަލް މީޓިން ބާއްވާފައި ވެ އެވެ.