29 ޖޫން 2016 - 08:07

ފުންނާބު ފަޅައިގެން ދިއުމާއި ހަންފޮޅުން ފަދަ މައްސަލަތަކަކީ ބައެއް މޫސުމުގައި ބައެއް މީހުންގެ ހަންގަނޑަށް ވަރަށް ބޮޑުވަރުވާ މައްސަލަ ތަކެކެވެ. އަދި ފައި ތިލަ ފެންނަ ގޮތަށް އުޅޭ މީހުންނަށް، ފުންނާބު ފަޅައިގެން ގޮސްފައި ހުރުމަކީ ވަރަށް ލަދުގަންނަން ޖެހޭ ކަމަކަށް ވެސް ވެ އެވެ. މީގެ އިތުރުން ފުންނާބު ފަޅައިގެންދިއުމަކީ ވަރަށް ވޭން ވެސް ހުރި ކަމެކެވެ.
މެއިލްއޮންލައިންގައިވާ ރިޕޯޓެއް ބުނާ ގޮތުން މިކަމަށް ވަރަށް ރަނގަޅު ފަރުވާއެއް މިހާރު ވަނީ ހޯދިފަ އެވެ. ގޭގައި އާއްމުކޮށް ހުންނަ ތަކެތި ބޭނުންކޮށްގެން ތައްޔާރު ކޮށްލެވިދާނެ މި ފަރުވާ އަކީ ވަރަށް ފައިދާ ހުރި އެއްޗެއް ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެސްޕްރިން އަކީ ވަރަށް ގިނަ މީހުން ތަދުކެނޑުވުމަށާއި އެނޫންވެސް ސިއްހީ ވަރަށް ގިނަ މައްސަލަތަކުގައި ބޭނުންކުރާ ވަރަށް އާއްމު ބޭހެކެވެ. މި ފަރުވާއަށް ވެސް ބޭނުންވަނީ އެސްޕްރިން އެވެ. ދެން ކަފަކޮޅަކާއި ލުނބޮއެކެވެ.
ނިއުޔޯކްގެ މައުންޓް ސިނާއީ ހޮސްޕިޓަލުގެ ހަމުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖޯޝުއާ ޒީޝްނާ ވެސް މި ފަރުވާއަށް ތާއީދު ކުރައްވަ އެވެ.
ޑޮކްޓަރު ވިދާޅުވާ ގޮތުގައި މި ފަރުވާ ދިނުމަށް ބޭނުންކުރާ އެސްޕްރިން އަކީ އެހެން އެއްވެސް މާއްދާއެއް ނުހިމެނޭ މުޅީން ޚާލިސް އެއްޗަކަށް ވާން ޖެހޭނެ އެވެ.
ތަދުކަނޑުވާ ބޭހެއްގެ ގޮތުގައި ބޭނުންކުރާ އެސްޕްރިންގެ 10 ވަރަކަށް ގުޅަ ހިމުންކޮށް މުގުރާލުމަށްފަހު ލުނބޯ ހުތް ފިތައި ރަނގަޅަށް އެއްކޮށްލާފައި މިއިން ކަފަކޮޅު ރަނގަޅަށް ތެންމާލާށެވެ. އަދި ފައި ފެޅިފައިވާ ހިސާބުގައި މި ކަފަކޮޅު ފަތުރާލާށެވެ.
މި ފަރުވާގެ އެކަށީގެންވާ ރަނގަޅު ނަތީޖާ ނެރެން ބޭނުން ނަމަ ރޭގަނޑު ކަފަކޮޅު އަޅާ ގޮތަށް ހެނދުނު ވަންދެން ބޭއްވުން ރަނގަޅުވާނެ ކަމަށާއި ސެލޯފޭން ފަދަ އެއްޗަކުން ކަފަކޮޅު ފައިގައި ހަރުލައްވާފައި ބެހެއްޓުން ރަނގަޅު ވާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މި މިކްސްޗާ އިން، ފުންނާބުގައި ޖަމާވެފައިހުރި ތެޔޮތައް ބޭރަށް ނެރެވި މަރުވެފައިވާ ހަމުގެ ސެލްތައް ނެއްޓިގެން ދިއުމަށް އެހީތެރިވާނެ އެވެ.
މި ފަރުވާގެ ފައިދާ ވަރަށް އަވަހަށް ފެންނަން ފަށާ ކަމަށާއި 10 ވަރަކަށް ދުވަހުގެ ތެރޭގައި ފުންނާބު މުޅިން ފަސޭހަވެ އޮމާންވެ މަޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލުނބޯހުތަކީ ކުރީ ޒަމާނުއްސުރެ ވެސް، ހަމުގައި ހުންނަ މަރުވެފައިވާ ސެލްތައް ނައްޓާ ހަންގަނޑު ރީތިކުރުމަށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ.
އެސްޕްރިން އަކީ ވެސް ޒީނަތްތެރިވުމުގެ ކަންތައްތަކުގައި ބޭނުންކުރާ އެއްޗެކެވެ. އޮށާޅަ ފަދަ ބިހިތައް މޫނުގައި ނެގުމުން އެ ތަކެތި މައިތިރިކުރުމަށް ވެސް އެސްޕްރިން ބޭނުން ކުރެ އެވެ.