27 އޯގަސްޓް 2017 - 13:31

އިސްލާމްއާބާދު (އޮގަސްޓް 27) - ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީގެ މައްޗަށް އުފުލާފައިވާ 20 އަހަރުވީ ކޮރަޕްޝަނުގެ މައްސަލާގައި އެކަށީގެންވާ ހެކި ނެތުމުން ކޯޓުން އެ މައްސަލަ ދޫކޮށްލައިފި އެވެ.
ޒަރުދާރީ އާއި އަނބިކަނބަލުން ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ މައްޗަށް ވަނީ 12 މިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގެ މައްސަލައެއްގެ ތަހުމަތުކޮށް 1998 ވަނަ އަހަރު ކޯޓަށް ހުށަހަޅައިފަ އެވެ. ޒަރުދާރީގެ ވަކީލް ފާރޫގު ނައިކް ވިދާޅުވީ ޒަރުދާރީ އާއި އަވަރާކޮށްލާފައިވާ ބުއްޓޫގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އާމްދަނީ ލިބޭ ވަސީލަތްތައް ސާފުކޮށްދެވިފައި ނުވާތީ ކަމަށެވެ.
ވަކީލް ވިދާޅުވީ ޒަރުދާރީގެ މައްސަލަ ހުށަހެޅި ފަހުން ނޭޝަނަލް އެކައުންޓިބިލިޓީ ބިއުރޯ (އެންއޭބީ) ގެ ޗެއާމަންގެ މަގާމަށް ހަ ބޭފުޅުން ލާފައިވާ ކަމަށާއި ހަ ޕްރޮސެކިއުޓާ ޖެނެރަލުން ބަދަލުވެފައިވާ ކަމަށާ އަދި ޚާއްސަ ޕްރޮސެކިއުޓަރުން ވެސް އައްޔަން ކޮށްފައިވާ ކަމަށެވެ. އަދި 40 މީހެއްގެ ހެކި ބަސް ނެގި އިރު ޒަރުދާރީއާ ދެކޮޅަށް އެކަކު ވެސް ހެކި ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަރުދާރީ ވަނީ 2008 އިން 2013 އަށް ޕާކިސްތާނުގެ ރައީސްކަން ކުރައްވައިފަ އެވެ.