ސްޓްރެސް ގެ ސަބަބުން ކެންސަރުގެ ސްޕީޑް ހަ ގުނަ މަތިވޭ: ދިރާސާ
ސްޓްރެސް ގެ ސަބަބުން ކެންސަރުގެ ސްޕީޑް ހަ ގުނަ މަތިވޭ: ދިރާސާ

ކެންސަރު ޖެހިފައިވާ މީހުން މާބޮޑަށް ކަންބޮޑުވެ ހާސްވުމަކީ އެ ބަލި ފެތުރުމުގެ ސްޕީޑް ހަ ގުނައަށް އިތުރުވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ ދިރާސާއިން ދައްކާގޮތުން ކެންސަރު ޖެހިފައިވާ މީހުން ސްޓްރެސްވުމުން އެމީހުންގެ ހަށިގަނޑުގައި ބާރު ސްޕީޑްގައި ކެންސަރު ދަތުރުކުރަން ފަށަ އެވެ.

އުރަމަތީގެ ކެންސަރު ފެތުރޭ ގޮތް ބެލުމަށް މީދާތަކެއް ބޭނުންކޮށްގެން ހަދާފައިވާ މި ދިރާސާގައި ސްޓްރެސް ސިގްނަލްތައް މީދަލު ހަށިގަނޑަށް ފޮނުވުމުން ކެންސަރު ސެލްތައް އުފެދޭ ގޮތާއި އަދި ފަރުވާ ދިނުމުން ވާ ގޮތް ދެނެގަނެފައިވެ އެވެ.

"ސްޓްރެސްވެފައިވާ މީދާތަކުގެ ހަށިގަނޑުގައި ކެންސަރު ސެލްތައް އުފެދޭ ބާރުމިން ކޮންޓްރޯލް މީދާތަކަށް ވުރެ ހަ ގުނަ އިތުރު،" ދިރާސާގައި އިސްކޮށް އުޅުއްވި ސައިންސްވެރިއަކު އޭބީސީ ނިއުސް އަށް ވިދާޅުވެފައިވެ އެވެ.

ކެންސަރުގެ ފަރުވާގެ ތެރޭގައި ހިމެނޭ ކީމޯތެރަޕީ އާއި ސާޖަރީ ތަކަކީ އިންސާނާގެ ހަށިގަނޑަށާއި ނަފްސަށް އިންތިހާއަށް ވޭން ލިބޭ ފަރުވާ ތަކެކެވެ. އެހެންކަމުން މިފަދަ ބަލިތަކަށް ފަރުވާ ހޯދާއިރު ކިތަންމެ ބޭނުން ނުވިޔަސް އިންސާނުންގެ ސްޓްރެސް ލެވެލް މަތިވާނެ އެވެ.

މި ދިރާސާގައި މަސައްކަތްކުރެއްވި އެހެން ސައިންސްވެރިއަކު ވިދާޅުވެފައި ވަނީ މިފަދަ ބަލިމީހުންގެ ސްޓްރެސް ކުޑަކުރުމަށްޓަކައި "ޕްރޮޕްރަނަލޯލް" ކިޔާ ބޭހެއް ދިނުމަށް ޓެސްޓްކުރަމުންދާ ކަމަށެވެ. މި ބޭހަކީ ކެންސަރު ބަލީގެ މީހުންގެ ސްޓްރެސް ކުޑަކޮށްގެން ކެންސަރަށް ދޭ ފަރުވާގެ އަސަރު ހަށިގަނޑަށް ރަނގަޅަށް ލިބޭނެގޮތް ވޭތޯ ބެލުމަށް ޓެސްޓްކުރާ ބޭހެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

ޕްރޮޕްރަނަލޯލްއަކީ ބީޓާ-ބްލޮކާ އެކެވެ. އާއްމުކޮށް މި ބޭސް ދެނީ ލޭ މައްޗަށް ދިއުމާއި ހާޓް އެޓޭކުން ދިފާއުވުމަށް އަދި މައިގްރޭންގެ ސަބަބުން ބޮލުގައި ރިހުމަށް ފަރުވާއެއްގެ ގޮތުގަ އެވެ.

ގިނަ ބަލިތަކަށް ދޭ ބޭހުން ލިބެންވާ އެކަށީގެންވާ ފައިދާ ނުލިބެނީ ސްޓްރެސްގެ ސަބަބުންނެވެ.

"ކެންސަރު ފަދަ ބޮޑެތި ބަލިތަކާ ހަނގުރާމަ ކުރާއިރު ކުރަން ޖެހޭ ބޮޑެތި އޮޕަރޭޝަންތަކާއި ދޭ ބާރުގަދަ ފަރުވާތަކުގެ ސަބަބުން އިންސާނާގެ ނަފްސު މުޅިން ބަލިކަށިވޭ. އަދި ކަންބޮޑުވުމާއި ހާސްކަމުގެ ޝިކާރައަކަށްވޭ. މިއީ ގަސްތުގައި މީހުންކުރާ ކަމެއް ނޫން. އެ ވޭނުގައި އުޅެން ޖެހުމުން ކޮންމެ މީހަކަށް ސްޓްރެސް ވެވޭނެ،" ސައިންސްވެރިއަކު ވިދާޅުވި އެވެ.

މިހާރު މި ބޭސް ކެންސަރު ބަލީގެ މީހުންނަށް ދިނުމުން ވާ ގޮތް ދެނެގަންނަން ކްލިނިކަލް ޓްރައަލް ތަކެއް ދަނީ ކުރަމުންނެވެ. މި ޓްރައަލްގައި ކެންސަރު ބަލީގެ މީހުންނަށް މި ބޭސް ދީގެން ސްޓްރެސް ލެވެލް ދަށް ކުރެވިއްޖެނަމަ ކެންސަރު ފެތުރޭ ސްޕީޑް ދަށް ކުރެވިދާނެ ވަރެއް ދެނެގަންނާނެ އެވެ.