28 އޯގަސްޓް 2017 - 06:11

ފިލްމު ޑައިރެކްޓަރު އަބީޝެކް ކަޕޫރު އެންމެ ފަހުން އުފެއްދި، ކެޓުރީނާ ކައިފް އާއި އަދިތުޔާ ރޯއި ކަޕޫރުގެ "ފިތޫރު" އަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެފަ އެވެ. އެހެންވެ އޭނާ އަަލަށް އުފައްދަން ފެށި ފިލްމު "ކޭދާރްނާތު" އަކީ ހުރިހާ ގޮތަކުން ވެސް މޮޮޅު ފިލްމަކަށް ހަދަން އަބީޝެކް ހުރީ ކަމަރު ބަނދެގެންނެވެ. އެގޮތުން އޭނާ މިފަހަރުގެ ފިލްމުގެ ބަތަލަކަށް ހޮވީ ސުޝާންތު ސިންގް ރާޖްޕޫތެވެ.
ސުޝާންތު ބޮލީވުޑަށް ތައާރަފްވެފައި ވަނީ ޑައިރެކްޓަރެއްގެ ގޮތުން އަބީޝެކް އުފެއްދި ފުރަތަމަ ފިލްމު "ކައި ޕޯ ޗޭ" އިންނެވެ. މި ފިލްމަށް ޑައިރެކްޓް ހޮވާފައިވާ ބަތަލާ އަކީ އަމްރިތާ ސިންގް އާއި ސައިފް އަލީ ޚާންގެ އަންހެންދަރިފުޅު ސާރާ އަލީ ޚާން އެވެ.
"ރޮކް އޮން" ވެސް ޑައިރެކްޓްކުރި އަބީޝެކް ބުނި ގޮތުގައި ކޮންމެ ފަހަރަކުވެސް ވަރަށް ތަފާތު ވައްތަރެއްގެ ފިލްމެއް އުފައްދަން އޭނާ ބޭނުމެވެ. އެހެންވެ "ކެދާރްނާތު" އަކީ "ކައި ޕޯ ޗޭ" އާއި "ރޮކް އޮން" އާ ވަރަށް ތަފާތު ވައްތަރެއްގެ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.
ކަޝްމީރު ވެލީގައި އޮންނަ ކެދާރްނާތު ކިޔާ ހިސާބުގަނޑެއްގައި ހިނގާ ހާދިސާތަކެއް މި ފިލްމުގައި ގެނެސްދިނުމަށް އަބީޝެކް ވަނީ ތައްޔާރު ވެފަ އެވެ. އޭނާ ބުނި ގޮތުގައި އެއީ އޭނާ ވަރަށް ގިނައިން ދާ ތަނެކެވެ. އަދި އެތަނުގެ ވަރަށް ގިނަ ވާހަކަތައް ކިޔައިދެވެން އެބަހުރި ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
އަބީޝެކް ބުނި ގޮތުގައި ފިލްމުގެ ރޯލަށް ތައްޔާރުވުމުގެ މަސައްކަތް ސުޝާންތު ވަނީ ފަށައިފަ އެވެ. އަދި ސާރާ އަކީ މި ފިލްމުގެ ސަޕްރައިސް ޕެކޭޖްކަމަށާއި ފިލްމު ބަލާ އެންމެން ސާރާގެ ހުނަރު ފެނިފައި ހައިރާން ވާނެކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ. ފިލްމުގެ ޝޫޓިން ސެޕްޓެމްބަރު މަހުން ފެށިގެން ކުރިޔަށް ދާނެކަމަށް ވެސް އޭނާ ބުންޏެވެ.