28 އޯގަސްޓް 2017 - 06:11

"ބަހޫބަލީ 2" އަށް ލިބުނު ފައިސާ ސަލްމާން ޚާންގެ "ޓިއުބުލައިޓް" އާއި ޝާހްރުކް ޚާންގެ "ޖަބް ހެރީ މެޓް ސޭޖަލް" އާ ދެ ފިލްމަށް ލިބުނު ވަރަށް ވުރެ ވެސް މާ ގިނަ އެވެ.
އަހަރުގެ ގާތްގަނޑަކަށް އަށް މަސް ދުވަސް ފާއިތުވީއިރު، ބޮލީވުޑުން ނެރުނު އެއްވެސް ފިލްމަކަށް 150 ކްރޯޑު (15 ބިލިއަން) ގެ މާކް ވެސް ފަހަނައަޅާ ނުދެވުނެވެ. ނަމަވެސް މަޝްހޫރު ތަރިން ބައިވެރިވި ގިނަ ފިލްމުތަކެއް ފާއިތުވީ ދެ އަހަރުގެ ތެރޭގައި ފަސޭހަކަމާ އެކު 200 ކްރޯޑު (20 ބިލިއަން ރުޕީސް) އަށް ވުރެ ގިނައިން ހޯދި އެވެ.
ނަމަވެސް މިއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ސަލްމާންގެ "ޓިއުބުލައިޓް"، ޝާހްރުކް ޚާންގެ "ރައީސް"، ރިތިކް ރޯޝަންގެ "ގާބިލް"، ވަރުން ދަވަންގެ "ބަދްރީނާތު ކީ ދުލްހަނިޔާ" އަށް ދެވުނީ 125 ކްރޯޑު (12.5 ބިލިއަން) އާ ހަމައަށެެވެ. އަދި ވަރުން ދަވަންގެ "ބަދްރީނާތު ކީ ދުލްހަނިޔާ" ފިޔަވައި އެހެން އެއްވެސް ފިލްމަކީ ހިޓެއް ކަމަށް ބުނެވޭކަށް ވެސް ނެތެވެ.
މިއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އިންވެސްޓްމަންޓް ފޫބެއްދި އެންމެ ބޮޑު ފައިދާއެއްވީ އެއް ފިލްމަކީ އަކްޝޭ ކުމާރުގެ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އެވެ. އަދި 75 ކްރޯޑު (7.5 ބިލިއަން ރުޕީސް) ހޯދައިގެން އަހަރުގެ އެންމެ ސުޕަ-ހިޓް ފިލްމެއްގެ ގޮތުގައި ބެލެވިފައިވަނީ އިރްފާން ޚާނާއި ސަބާ ގަމަރްގެ "ހިންދީ މީޑިއަމް" އެވެ.
ޝްރައްދާ ކަޕޫރާއި އަރްޖުން ކަޕޫރުގެ "ހާފް ގާލްފްރެންޑް"ގެ ވިޔަފާރި ވެސް ރަނގަޅެވެ. ނަމަވެސް އުންމީދުކުރި ވަރަކަށް ނުހިނގަ އެވެ.
ސަލްމާން، ޝާހްރުކް، ރަންބީރު ކަޕޫރު، ސުޝާންތު ސިންގް ރާޖްޕޫތު އަދި ކަންގަނާ ރަނާވަތު ވެސް މިއަހަރުގެ މިހާތަނަށް ކުޅެފައިވަނީ މުޅިން ފްލޮޕް ފިލްމުތަކެވެ. އެހެންކަމުން މި އަހަރަކީ ބޮލީވުޑްގެ ފަހުގެ ތާރީޚުގައި ވެސް އައި އެންމެ ނާކާމިޔާބު އަހަރުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
"ބަހޫބަލީ 2" ގެ ހިންދީ ވާޝަން އެއް ރިލީޒް ކުރިޔަސް އެއީ ހިންދީ ފިލްމެއްގެ ގޮތުގައެއް ނުބެލެވެ އެވެ. ސަބަބަކީ އެއީ ތެލުގޫ ފިލްމުން ހިންދީ ބަހަށް ޑަބްކޮށްފައިވާ ފިލްމަކަށް ވާތީ އެވެ. އެ ފިލްމުގެ ލައިފްޓައިމް ކަލެކްޝަން އުޅެނީ 511 ކްރޯޑު (51 ބިލިއަން ރުޕީސް) ގަ އެވެ. މިއީ ސަލްމާންގެ "ޓިއުބުލައިޓް"، ޝާހްރުކްގެ "ރައީސް" އާއި "ޖަބް ހެރީ މެޓް ސޭޖަލް"، އަކްޝޭގެ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"، ރަންބީރު ކަޕޫރުގެ "ޖައްގާ ޖާސޫސް"، ސުޝާންތު ސިންގް ރާޖްޕޫތުގެ "ރާބްތާ"، ކަންގަނާ ރަނާވަތާއި ސައިފް އަލީ ޚާންގެ "ރަންގޫން"ގެ ކަލެކްޝަން އެއްކޮށްލުމުން ލިބިފައިވާ އަދަދަށް ވުރެ ވެސް މަތީ އަދަދެކެވެ.
ޓްރޭޑް އެނަލިސްޓް އަތުލް މޯހަން ބުނި ގޮތުގައި ހަމަ ޔަގީނުން ވެސް މިއަހަރަކީ ބޮލީވުޑް ފަހުގެ ތާރީޚެއްގައި ދެކެފައި ނުވާ ވަރުގެ ނާކާމިޔާބު އަހަރެކެވެ. ކާމިޔާބު ވާނެކަމުގެ އުންމީދު އޮތް އެތައް ބައިވަރު ފިލްމުތަކެއް ވަނީ ފްލޮޕްވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.
މި ފިލްމުތައް ފަހަރަކު ފިލްމެއް ފްލޮޕްވަމުން ދިއުމުގެ މައިގަނޑު ސަބަަބަކީ ފިލްމު ކަމުނުދާ ކަމަށް ބުނެ ކްރިޓިކްސް އާއި މީހުން ވާހަކަ ދެއްކުމެވެ. ފިލްމު ރިލީޒްކުރާ ދުވަހު ފިލްމުގައި ހުރި އުނި ސިފަތައް ބަޔާންކޮށް ފާޑުކިޔަން ފެށުމުން އެ ފިލްމެއް ހަލާކުވެގެން ދާކަށް މާ ގިނަ ދުވަހެއް ނުނަގާ ކަމަށް އޭނާ ބުންޏެވެ.
މި ޒަމާނަކީ ސޯޝަލް މީޑިއާގެ ޒަމާނަށް ވެފައި ވަރަށް ހަލުވި ކަމާއެކު މީހުން ދައްކާ ވާހަކަތައް އެހެން މީހުންނަށް ފޯރަ އެވެ. އެގޮތުން ފިލްމެއް ކަމުނުގޮއްސިނަމަ ވަރަށް އަވަހަށް އެ ވާހަކަ އެންމެންގެ މެދުގައި ދެކެވެން ފަށަ އެވެ. ނަތީޖާއަކަށް ވަނީ ފިލްމު ބަލަން ގަސްތުކޮށްގެން ތިބި އެތައް ބަޔަކު ވެސް ފިލްމު މަތިން ފޫހިވެ ނުބަލަން ނިންމުންކަމަށް އަތުލް ބުންޏެވެ.
ބޮލީވުޑްގެ ފިލްމު އުފައްދާ ޕްރޮޑިއުސަރުން އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާޒް އެސޯސިއޭޝަން އާ ގުޅިގެން މީގެ 20 ވަރަކަށް އަހަރު ކުރިން ގަވާއިދެއް ހަދާފައިވެއެވެ. ފިލްމު ރިލީޒްކޮށް ދެ ތިން ދުވަސް ފަހުން ނޫނީ ފާޑުކިޔުންތެރިންގެ ރިވިއުތައް ނޫސްތަކުގައި ނުޖެހުމަށެވެ. އެ ދުވަސް ވަރަކީ ސޯޝަލް މީޑިއާ އޮތް ދުވަސްވަރަކަށް ނުވާތީ މިކަން މިގޮތަށް ކުރެވުނަސް މިހާރު ރިވިއުތައް ފުރަތަމަ ދުވަހުގެ ފުރަތަމަ ޝޯއާއެކު މީހުންނާ ހަމައަށް ނުފޯރާނެ އެއްވެސް ގޮތެއް ނޯވެ އެވެ. އަދި ހިންދީ ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު ފިލްމު ބަލަން ދިޔަސް ދަނީ ރިލީޒް ކުރާތާ ހަތަރު ފަސް ދުވަސް ފަހެއް ފަހުންނެވެ. އެއީ ފިލްމު ބަލާފައި ގިނަ ބަޔަކު ފިލްމު މޮޅުކަމަށް ބުނާ ނަމަ އެވެ.
ޓްރޭޑް އެކްސްޕާޓުން ބުނަނީ މިކަމަށް އޮތީ އެންމެ ހައްލެއް ކަމަށެވެ. މިހާރު އުފައްދާ ފީކަޅާ ފިލްމުތަކުގެ ބަދަލުގައި ކޮލިޓީ ރަނގަޅު މޮޅު ފިލްމުތައް ބޮލީވުޑުން އުފައްދަން ފެށުމެވެ.