27 އޯގަސްޓް 2017 - 11:19

ލަސް ވެގާސް (އޮގަސްޓް 27) – ބޮކްސިންގެ ތާރީހު ދުށް އެންމެ އަގުބޮޑު އެއް ތެޅުމުގެ 10 ވަނަ ބުރުން އަޔަލެންޑުގެ ކޮނޯ މެކްގްރެގާ ބަލިކޮށް އެމެރިކާގެ ފްލޮއިޑް މޭވެދާ އޭނާގެ ކެރިއަރުގައި ބަލިނުވެ 50 ވަނަ މެޗު ފުރިހަމަކޮށްފި އެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި އޮތް މި ތެޅުމުގައި އަޔަލެންޑުގެ މިކްސް މާޝިއަލްއާޓްސް ތަރި މެކްގްރެގާއާ ވާދަކުރަން ކުރީގެ ވެލްޓާވެއިޓް ބޮކްސިން ޗެމްޕިއަން މޭވެދާ ނުކުތީ ދެ އަހަރުގެ ރިޓަޔާމަންޓެއްގައި ހުރުމަށް ފަހު އެވެ.

އެމެރިކާގެ ލަސް ވެގަސްގެ ޓީ މޯބައިލް އެރީނާގައި ކުރިއަށް ދިޔަ މި ތެޅުމުގެ ހަތަރު ވަނަ ބުރުން ފެށިގެން މޭވެދާ ޑޮމިނޭޓްކުރަމުން އައިއިރު ނިމުން އައީ ވަރުބަލިވެފައިވާ މެކްގްރެގާގެ މޫނުމަތީގައި މޭވެދާ ޖެހި ދެ ޝޮޓާ އެކު ރެފްރީ ރޮބަޓް ބައިޑް ދެމެދަށް ވަދެ ޓެކްނިކަލް ނޮކްއައުޓް އިއުލާންކުރުމުންނެވެ.
ލައްކައެއްހާ ޑޮލަރަށް ޓިކެޓް ގަނެގެން ކުޅިބަލަން ވަދެ ތިބި ވިއްސަކަށްހާސް މީހުންގެ ކުރިމަތީގައި ކުރިއަށް ދިޔަ މި ތެޅުމުގެ ކުރީކޮޅު ހީކުރި ވަރަށް ވުރެ ވާދަވެރި އެވެ. އެގޮތުން ފުރަތަމަ ބުރުތަކުގައި އުމުރުން 29 އަހަރުގެ މެކްގްރެގާ ވަނީ މޭވެދާ އަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެކަމަކު ހަތަރު ވަނަ ބުރުން ފެނިގެން މޭވެދާ އައީ އޭނާގެ ފެންވަރު ސާބިތުކޮށްދެމުންނެވެ.
ހަތް ވަނަ ބުރުގައި މޭވެދާގެ ކުއްލި ހަމަލައެއް އަމާޒުވެ މެކްގްރެގާ ސަލާމަތްވީ ކިރިޔާ އެވެ. އެކަމަކު 10 ވަނަ ބުރުގައި މޭވެދާގެ ހަމަލާތަކުން މެކްގްރެގާ އަށް ސަލާމަތެއް ނުވެވުނެވެ. މޭވެދާ ވަނީ ވަރުގަދަ ޝޮޓެއް ޖަހައި މެކްގްރެގާ އަރިމަތީ ވާވަށާ ދިމާލަށް "ހޫރާލައިފަ" އެވެ. މޭވެދާ ދެން ޖެހި ޝޮޓުން މެކްގްރެގާ ވާފަށުގައި އަޅައިގަނެ ނުއަތަށް ނުވެއްޓުނީ ކިރިޔާ އެވެ. އެހިސާބުން ރެފްރީ ވަނީ ޓެކްނިކަލް ނޮކްއައުޓް ޑިކްލެއާކޮށް މޭވެދާ މޮޅުވިން އިއުލާންކޮށްފަ އެވެ.
އުމުރުން 40 އަހަރުގެ މޭވެދާ ދެން ދާނީ އޭނާގެ ބަހުން ނަމަ ހަގީގީ ރިޓަޔާމަންޓަކާ ދިމާލަށެވެ. އޭނާ ކެރިއަރު މި ނިންމާލީ އެއްވެސް ތެޅުމަކުން ބަލިނުވެ 50-0 ގެ ފުރިހަމަ ރެކޯޑަކާ އެކު އެވެ. މިއީ ހެވީވެއިޓް ލެޖެންޑް ރޮކީ މާކިއަނޯ އަށް ވުރެ އެއް ތެޅުމުގެ ކުރިއެރުމެކެވެ. އެއާ އެކު މޭވެދާ އަށް ވަނީ ބޮކްސިންގެ ތާރީހުގެ އެންމެ ފުރިހަމަ ރެކޯޑް ގާއިމްކުރެވިފަ އެވެ.
"މިއީ އަހަރެންގެ ފަހު ތެޅުން މިރޭ، ޔަގީންކަމެއް،" މޭވެދާ ބުންޏެވެ. "މިރޭ މިއީ އަހަރެންގެ ފަހު ތެޅުން. މިރޭ އަހަރެން ނަށަން މި އިހުތިޔާރުކުރީ ފުރިހަމަ ނެށުމުގެ ޕާޓްނަރެއް. ކޮނޯ، ތިއީ ވަރުގަދަ ޗެމްޕިއަނެއް."
ޕްރޮފެޝަނަލް ބޮކްސިން މީގެ ކުރިން ތަޅާފައިނުވާ ބޮކްސަރަކާ ވާދަކޮށް 50 ވަނަ މޮޅު ހޯދުމުން ފާޑުކިއުން އަމާޒުވި ނަމަވެސް މޭވެދާ ބުނީ "މޮޅެއް ވާނީ މޮޅަކަށް" ކަމަށެވެ. އަދި އޭނާ މިއަދު ފަހަތަށް ޖައްސާލި ރޮކީ މާކިއަނޯ އަކީ ލެޖެންޑެއް ކަމަށާއި ބޮކްސިންގެ ހޯލް އޮފް ފޭމުން ޖާގަ ހޯދަން ބޭނުންވާ ކަމަށް ވެސް މޭވެދާ ބުންޏެވެ.
މި ތެޅުމާ އެކު މޭވެދާ އަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭއިރު ކެރިއަރުގެ ޖުމްލަ އާމްދަނީ އެއް ބިލިއަން ޑޮލަރަށް އަރާނެ އެވެ. މީގެ ހަތަރު އަހަރުކުރިން ވަޒީފާއެއް ނެތި ހުރި، މެކްގްރެގާ އަށް މި ތެޅުމުން 100 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. ކުރިން ފެންވަޔަރުކުރާ މީގެއްގެ ވަޒީފާ އަދާކުރި މެކްގްރެގާ އަކީ މިހާރު އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕުގެ ވަރުގަދަ ތަރިއެކެވެ.