27 އޯގަސްޓް 2017 - 11:19

އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހަތް މަސް ދުވަސް ވަންދެން ހިފެހެއްޓުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.
އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވާ ޝިދާތާގެ ޕާސްޕޯޓް މިދިޔަ ޖެނުއަރީ މަހު ހިފެހެއްޓުމަށް ފަހު މިއަދު ދޫކޮށްލާފައިވާ ކަން ޝިދާތާ ކަށަވަރުކޮށް ދެއްވި އެވެ. ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ޝިދާތާ ކުރެއްވި ޓްވީޓެއްގައިވާ ގޮތުން އެއްވެސް އަސާސެއް ނެތި އޭނާ ވަނީ އެ މުއްދަތުގައި ގައުމުގައި ބަންދުކޮށްފަ އެވެ.
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ޖެނުއަރީ، 2015 ގައި ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގަ އެވެ. އޭރު ޝިދާތާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ މަގާމެއްގަ އެވެ. އެކަމަކު އެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުވާ އުފުލި މީހުންގެ ތެރޭގައި ޝިދާތާ ނުހިމެނެ އެވެ.
ޝިދާތާ ތުހުމަތު ކުރައްވާފައިވަނީ އެއީ ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަމެއްގެ ގޮތުގަ އެވެ.