27 އޯގަސްޓް 2017 - 11:54

ޑީ ބާސްކެޓްބޯލް ކްލަބް (ޑީބީސީ) ގެ ފަރާތުން ކުޑަކުދިންނަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ދިޔަ މި މުބާރާތުގައި 292 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. މި މުބާރާތް ކުރިއަށްދިޔައީ ޑީބީސީ ގެ ހަތަރު ހައުސް ގެ މެދު ފަސް އުމުރު ފުރާ އަކަށް ބަހާލައިގެންނެެވެ. އެއީ 8 އަހަރުން ދަށާއި 10 އަހަރުން ދަށާއި 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރައިންނެވެ. ޑީބީސީ ގެ ހަތަރު ހައުސް އަކީ ރެޑް އީގަލްސް، ޔެލޯ ލެޕަރޑްސް، ގްރީން ޑްރެގަންސް އަދި ބްލޫ ޝާކްސް އެވެ.
ޑީބީސީ ގެ މަސްއޫލްވެރިޔާ މުހައްމަދު ހާޝިމް (ޑޭވިޑް) ބުނީ މި ފަހަރުގެ މުބާރާތުގައި 8 އަހަރާއި 10 އަހަރުން ދަށުގެ އުމުރުފުރާ އިން އަންހެން ފިރިހެން އެއްކޮށްފައިވާ ކަމަށާއި އެއީ މާލޭގެ އެކަޑަމީ އާއި ހުޅުމާލެ ކުދިންނާއި އަދި ގިޔާސުއްދީން އިންޓަރނޭޝަނަލް ކުދިން ގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ ބޭނުުމުގައި ކަމަށެވެ.
މި މުބާރާތުގައި 45 މެޗެއް ކުޅުނުއިރު ފައިނަލް މެޗުތައް އޮތީ އިއްޔެ ހަވީރު އެވެ. ފައިނަލަށް ފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި އިނާމް ހަވާލުކޮށްދެއްވީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ބީއެޗްއެމް ޓްރޭޑާސްގެ މާކެޓިން އެންޑް ސޭލްސް މެނޭޖަރު އިބްރާހިމް ޝަރީފް އެވެ.
މި މުބާރާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެފައިވަނީ ބީއެޗްއެމް ޓްރޭޑާސް، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)، މާލެ ކުޅިވަރު އެކުވެނި، އަދި ޑީބީސީ ގެ ކޯޗުންނާއި ބެލެނިވެރިންނެވެ.
ޑީބީސީ 2008 ވަނަ އަހަރު އުފެދިގެން އައި ފަހުން އެ ކްލަބުން ގިނަ ހަރަކާތްްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި މިހާރު އެ ކްލަބުން ރާވާ ހިންގާ އެކި އެކި ހަރަކާތްތަކުގައި 500 އެއްހާ ކުދިން އަންނަނީ ބައިވެރިވަމުންނެވެ. އެ ކްލަބުގެ އެންމެ ބޮޑު އަމާޒަކީ ބާސްކެޓްބޯޅަ އިން ކުރިއަށްދާން ތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.