ޔުނައިޓެޑް މޮޅުވިއިރު މޮރީނިއޯ ސަޕޯޓަރުންގެ ޝަކުވާކޮށްފި
ޔުނައިޓެޑް މޮޅުވިއިރު މޮރީނިއޯ ސަޕޯޓަރުންގެ ޝަކުވާކޮށްފި

މެންޗެސްޓާ (އޮގަސްޓް 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެ ރެކޯޑް ދެމެހެއްޓިއިރު، އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އެ ކްލަބުގެ ސަޕޯޓަރުންނާ މެދު ހިތްހަމަ ނުޖެހިއްޖެ އެވެ.

ޔުނައިޓެޑް މޮޅުވިއިރު މޮރީނިއޯ ސަޕޯޓަރުންގެ ޝަކުވާކޮށްފި
ޔުނައިޓެޑް މޮޅުވިއިރު މޮރީނިއޯ ސަޕޯޓަރުންގެ ޝަކުވާކޮށްފި

ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑު މޮޅުވީ ދެ ވަނަ ހާފްގެ ގޯލުތަކާ އެކު އެވެ. ދެ ވަނަ ހާފްގެ ކުރީކޮޅު ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ އަތުން ޕެނަލްޓީއެއް ގެއްލުމުން ޔުނައިޓެޑަށް މައްސަލަތަކެއް ދިމާވި ނަމަވެސް ފަހުން މާކަސް ރެޝްފޯޑާއި މަރުއާން ފެލައިނީގެ ލަނޑުތަކުން އެ ޓީމު ވަނީ ތިން ޕޮއިންޓް ހޯފައިފަ އެވެ.

މެޗަށް ފަހު މޮރީނިއޯ ބުނީ އޭނާ އަށް އެ ޓީމުން ޖެހި ފުރަތަމަ ލަނޑު ނުފެނުނުއިރު އެކަމުގެ އުފާވެރިކަން ސަޕޯޓަރުން ކިބައިން ނުފެންނަ ކަމަށެވެ.

"އަހަރެން ފުރަތަމަ ލަނޑެއް ނުދެކެން. އެ ވަގުތު އަހަރެން ހުރީ ބަދަލު ކުޅުންތެރިއެެއްގެ ގޮތުގައި ލިންގާޑް ކުޅެން އަރުވަން ވެގެން އޭނާ އަށް ބުނެދެން. އަހަންނަށް ފެނުނީ ބޯޅަ ގޯލު ތެރޭގައި އޮތްއިރު ކުޅުންތެރިން އުފަލުން ފުންމާ މަންޒަރު. އެކަމަކު ސަޕޯޓަރުން ތިބީ ވަރަށް މަޑުމަޑުން. އުފާވެރިކަމެއް ނުފެނުނު. މިއީ އަހަންނަށް މިކަން އިހުސާސް ކުރެވުނު ފުރަތަމަ ފަހަރު،" މޮރީނިއޯ ބުންޏެވެެ

ޔުނައިޓެޑް ވަނީ މި ފަހަރު ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. ދިހަ ލަނޑު ޖެހިއިރު ބައިކޮޅަށް ލަނޑެއް ވަދެފައިނުވެ އެވެ.

މޮރީނިއޯ ބުނީ މިއީ މިދިޔަ ސީޒަނުގެ މެޗެއް ނަމަ ނިމޭނީ ލަނޑެއް ނުޖެހި އެއްވަރުވެގެން ކަމަށެވެ.

"މިދިޔަ ސީޒަނުގެ މެޗެއްނަމަ މި މެޗުން އަހަރެމެންނަށް ލިބޭނީ އެންމެ ޕޮއިންޓެއް. އެއީ މި ކަހަލަ 15 ހާލަތެއް މި ދިޔަ ސީޒަނުގައި ކުރިމަތިވި. އެކަމަކު މިހާރު ގެންނަ ކޮންމެ ބަދަލެއްގެ ތަފާތު އެބަފެނޭ. މި މެޗުން މޮޅުވުމުގައި ބަދަލު ކުޅުންތެރިންގެ ދައުރު ބޮޑު،" މޮރީނިއޯ ބުންޏެވެ.

ލީގުގައި ރޭ މެންޗެސްޓާ ސިޓީ މޮޅުވީ އިތުރު ވަގުތުގައި ރަހީމް ސްޓާލިން ޖެހި ލަނޑާ އެކު 2-1 އިންނެވެ. ޗާލީ ޑެނިއަލްސްގެ ލަނޑުން ބޯންމައުތު ލީޑުނަގާފައިވަނިކޮށް ސިޓީ އަށް އެއްވަރުކޮށްދިނީ ގަބްރިއެލް ޖީސަސް އެވެ. ރޭގެ މެޗުގައި ސްޓާލިން ސިޓީ މޮޅުކޮށްދިން ލަނޑު ޖެހިތާ މިނިޓެއް ފަހުން ދެ ވަނަ ރީނދޫ ކާޑާ އެކު އޭނާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން އިޝްތިހާރު ބޯޑުތައް މަތިން ސަޕޯޓަރުންގެ ތެރެއަށް ފުންމާލުމުންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނިއުކާސަލް ޔުނައިޓެޑް ވަނީ 3-0 އިން ވެސްޓް ހޭމްގެ މައްޗަށް ކުރިހޯދައި ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. ކްރިސްޓަލް ޕެލަސް އަތުން 2-0 އިން ސްވަންސީ ސިޓީ މޮޅުވިއިރު، ހަޑްސްފީލްޑް ޓައުން އާއި ސައުތެމްޓަން ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.