27 އޯގަސްޓް 2017 - 06:03

ބުދަ ދުވަހާ ގުޅޭ
ކަންކަން ކުރިމަތިވުމުން ދެން ކަންތައްކުރާނެ ގޮތް ރާޝިދު ހުރީ ބުނެދީފައެވެ. ކިޔާނެ އެއްޗެއްސާއި، ކުރާނެ ސުވާލު ވެސް މެއެވެ. އިންސާނާގެ ހަށިގަނޑު ތެރެއަށް ޖިންނި ވަންނަނީ، ސިހުރުގެ އެންމެ ސުންޕާ ވައްތަރު ހެދުމުންނެވެ. މޫނިސާއަށް އެ ކަން އެނގެއެވެ. ހައުލާއަށް ޖެހިފައިވަނީ އެ ފަދަ ސިހުރެކެވެ. ހައުލާގެ ހަށިގަނޑު ތެރެއަށް ޖިންނި ވަނުމަށް ފަހު، ހައުލާގެ ކޮންޓުރޯލު އަތުލަނީއެވެ. ބައެއް ފަހަރުއެވެ. އަނެއްބައިފަހަރު ކޮންޓުރޯލު ނައަތުލާ ހަށިގަނޑު ތެރޭގައި ޖިންނި އުޅެއެވެ. އަދި ޖިންނީންގެ އުދާސްތައް ބޭރުކުރާ ވަސީލަތަކަށް އިންސާނާގެ ހަށިގަނޑު ހަދައެވެ. އެ ކަހަލަ ދަނޑިވަޅުތަކުގައި އިންސީންނާއި ޖިންނީންނަށް މުޢާމަލާތު ކުރެވޭނެއެވެ.
"ކީއްވެގެން ހައުލާއަށް ތި އުނދަގޫ ކުރަނީ؟" މޫނިސާ ސުވާލުކުރީ ތިމާއަށް މި ކުރެވެނީ ކީއްކަން އެނގިހުރެއެވެ. "މިހާރު ކިހާ ދުވަހެއްވެއްޖެ އެ ހާލުގަ އޭނަ އުޅޭތާ! އަޅެ ކަލޭމެންގެ ހިތަކަށް ރަޙުމެއް ވެސް ނުވަދޭތަ؟"
އެއްޗެއް ނުބުނެ ހައުލާ އިރުކޮޅަކު އިނެވެ. ނާޒިމާ ހައިރާންވެފައި ހައުލާއަށް ބަލަހައްޓައިގެން އިނެވެ. ނާޒިމާއަށް ފެންނަނީ ނާޒިމާގެ ދަރިފުޅު ހައުލާއެވެ. ތަނަށް ވެރިވި ހަމަހިމޭންކަން ދެތިން މިނެއްޓަށް ދެމިގެންދިޔައެވެ.
"ވަރަށް ބޮޑަށް މާފުކުރޭ!" ވަރަށް އޮމާން އަޑަކުން ހައުލާ ޖަވާބުދިނެވެ. "ރީތި ކުއްޖެއް ފެނުނީމަ އަހަރެން އައީ ހަމަ ޖެއްސުންކޮށްލަން ވެގެން. އެހެންވެ ގައިތެރެއަށް ވަނީ ވެސް. އެކަމަކު މިހާރު އަހަރެންނަށް ވަރަށް އެހެން ކަހަލަ އަސަރުތަކެއް ކޮށްފި. އަޒާބުގެ އާޔަތްތައް އަޑުއިވުނީމަ އަހަރެން ޙަޤީޤަތުގަ ވެސް ވަރަށް ވަރަށް ދެރަވެއްޖެ!"
ނާޒިމާއަށް ވިސްނުނީ އެ ހިސާބުންނެވެ. އެއީ ނާޒިމާ ދުވަހަކު ވެސް ކުރި ތަޖުރިބާއެއް ނޫނެވެ. ނުސީދާކޮށް ނަމަވެސް އެ ކަހަލަ މަޚުލޫޤަކާ ވާހަކަދެއްކުމަކީ ނާޒިމާއަށް ލިބިދާނެކަމަށް އުންމީދުކުރި ފުރުޞަތެއް ނޫނެވެ. އެ ތަނުގައި ރާޤީއެއް ނެތެވެ. ތިބީ މޫނިސާއާއި ހައުލާއެވެ. ކަމެއް ގޯސްވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނާޒިމާ ހިތާހިތުން ސުވާލު ކޮށްލިއެވެ. ނާޒިމާ އިނީ އަނގަ ހުޅުވައިލަން ނުކެރިފައެވެ. ހިރިލަން ނޭނގިފައެވެ. ހައުލާ ދެއަތުން ބޮލުގައި އަތްއެޅިއެވެ. އެއީ ވަރަށް ސާފު ޢަލާމާތެކެވެ. އިންސާނާގެ ހަށިގަނޑު ތެރެއަށް ޖިންނި ވަނުމަށް ފަހު ހަށިގަނޑުގެ ކޮންމެވެސް ހިސާބެއް އެއީ ޖިންނީގެ ގެދޮރަށް ހަދައެވެ. އެއީ ބޯ ނުވަތަ ބުރިކަށި ނުވަތަ ބަނޑުކަމަށް ވެސް ވެދާނެއެވެ. އެހެން ވެއްޖެ ނަމަ، އެ ތަނެއްގައި ނުފިލާ ރިހުމެއް، ހިރުވުމެއް ނުވަތަ ދިލައެއް ހުންނާނެއެވެ.
"ތިހާ ދެރަވަންޏާ ކީއްކުރަން ތި ކަހަލަ ކަންތައް ކުރަނީ؟" ބިރުވެރިކަން އެއްފަރާތް ކޮށްލައިފައި ނާޒިމާ ސުވާލުކުރިއެވެ. "އަހަރެން ދުވަހަކު ވެސް ކަލޭމެންނަށް ޖެއްސުންކުރިންތަ؟ ކަލޭގެ ދަރިއަކަށް ޖެއްސުން ކުރިންތަ؟"
ރައްދުގައި ހައުލާ ވަގުތުން ޖަވާބެއް ނުދެއެވެ. އޭރު ވެސް ޤުރުއާނުގެ އާޔަތްތައް އިވެމުންދިޔައެވެ. ނާޒިމާ ހިތަށްއެރިއެވެ. އެ ޖިންނި ޤުރުއާން އަޑުއަހަނީބާއެވެ؟ ނޫނީ، ކުރެވުނު ކުށަށްޓަކައި ހިތާމަ ކުރަނީބާއެވެ؟
"އަހަރެން އައީ ރައްޓެހިންނާ އެކީގަ ސަކަރާތްޖަހަމުން،" ހައުލާގެ އަޑު ބޭނުންކޮށްގެން އޭނަ ކިޔަމަންތެރިކަމާއެކު ކިޔައިދިނެވެ. "އަހަންނަކީ ޒުވާނެއް. އަހަރެން އަދި ކައިވެންޏެއް ނުވެސް ކުރަން. އަހަންނަކަށް ނޭނގެ ބޮޑެތި މީހުން ވިސްނާ ގޮތަށް ވިސްނާކަށް. މީނަ ފެންނައިރަށް އަހަންނަށް އެނގިއްޖެ އަހަރުމެންގެ ބާރުގެ ދަށުގަކަން އޭނަ ހުރީ. ހިތަށްއެރީ ޖެއްސުންކޮށްލާނަމޭ. އެ ބޭނުމުގަ ގައިތެރެއަށް ވަދެގަތީ. ވަންފަހުން އަޒާބުގެ އާޔަތްތައް އަޑުއިވުނީ. އެ އަޑު ނާހަންވެގެން އެކުވެރިން ރައްކާވިޔަސް އަހަރެން ބޭނުންވީ އަޑުއަހަން. ހުރިހާ ޖިންނީން އެއްގޮތެއް ނުވާނެ. ރަނގަޅު މަގު ފެނުނީމަ މަ ބޭނުމެއް ނޫން ނުބައި މަގުން ދާކަށް."
ނާޒިމާއަށް އެނގިފައިވާ ގޮތުގައި ކޮންމެ ފަހަރަކު ހަށިގަނޑު ތެރެއަކަށް ޖިންނިއެއް ނުވަންނާނެއެވެ. ހަމަ އެހެންމެ، އިންސާނެއްގެ ހަށިގަނޑަށް ވަނުމަށް ވުރެ ޖިންނީންނަށް އުނދަގޫވާނީ ހަށިގަނޑުން ނުކުންނާށެވެ. ބައެއްފަހަރު ޖިންނީން ވަންނަނީ ޖެއްސުންކުރުމުގެ ބޭނުމުގައެވެ. އަނެއްބައިފަހަރު ކެއްސެއްދިނުމުގެ ބޭނުމުގައެވެ.
"ދެން ތިހާ ދެރަވަންޏާ އިސްލާމް ވާންވީނު،" މޫނިސާ ވާހަކަދެއްކިއެވެ. "ބޭނުންތަ އިސްލާމް ވާން؟"
"އަހަރެން އިސްލާމް ވެއްޖެއްޔާ އަހަރެން މަރާލާނެ،" ހައުލާ ޖަވާބުދިނެވެ. "އެހެންވިޔަސް އަހަރެން ބޭނުން އިސްލާމް ވާން. ކިހިނެއް ހަދަންޖެހެނީ އިސްލާމް ވާން؟"
"ޝަހާދަތް ކިޔަން ޖެހޭނީ،" ޖެހިލުމެއް ނެތި މޫނިސާ ވާހަކަދެއްކިއެވެ. "ޝަހާދަތް ކިޔާފަ ޖެހޭނީ އިސްލާމެއް ކަމަށް ގަބޫލުކުރަން. މަ މި ކިޔާ ގޮތަށް ކިޔާ."
މޫނިސާ ޝަހާދަތް ލައިދޭން ފެށިއެވެ. އަޑު ދަށުން "ހައުލާ" ވެސް ޝަހާދަތް ކިޔެވެ. ވާހަކަދައްކަން ނާޒިމާއަށް ބޮޑަށް ހިތްވަރު ލިބުނީ އެ ހިސާބުންނެވެ. އެކަމަކު، ބުނަން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. ދަރިފުޅު މެދުވެރިކޮށް މުޅިން އެހެން ނަސްލެއްގެ މަޚުލޫޤަކާ ވާހަކަދެއްކޭތީއެވެ. އެހެންނަމަވެސް އެއީ ރަނުގެ ފުރުޞަތެކެވެ. ހާލުގައިޖެހުނީ ދަރިފުޅެވެ. ޒިންމާވާން ޖެހެނީ ޖިންނިއެކެވެ. ކުރަން ބޭނުން އެތައް ސުވާލެއް ހުއްޓެވެ.
"އިސްލާމަކަށް ވެވުނީމަ މިހާރު ދެން ކިހިނެއް ހީވަނީ؟" ފުރަތަމަ ނާޒިމާއަށް ކުރެވުނީ އެ ސުވާލެވެ.
"ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ!" އޭނަ ޖަވާބުދިނެވެ. "ހަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ!"
"އަހަރެން ސުވާލެއް އަހާލަންތަ؟" ދެ ފިކުރެއްގައި ހުރެފައި ނާޒިމާ ބުންޏެވެ. "އިންސާނުންނާ އަޅާބަލާއިރު ޖިންނީންނަކީ ބާރުގަދަ ބައެއް. ދެން ކަލޭމެން ކީއްވެ ސިހުރުވެރިން ބުނާ ކަންތައް ކޮށްދޭންޖެހެނީ؟"
"ބައްޕަ ބުނީ އެއީ ވިޔަފާރިއެކޭ." އޭނަ ދިނީ ވަރަށް ކުރު ޖަވާބެކެވެ.
ނާޒިމާއަކަށް އެ ވަރަކުން ނުފުދުނެވެ. ކުރަން ހަވާލުކުރާ ކަންތަކާއި، ސަލާމަތްވާނެ ގޮތްތައް ވެސް އޮޅުންފިލުވިއެވެ.
"އެންމެ ގިނައިން އަހަރުމެންނާ ހަވާލުކުރާނީ ދެމަފިރިން ދުރުކުރަން،" އޭނަ ތަފުސީލުކޮށް ކިޔައިދިނެވެ. "ޖެއްސުންކުރަން ވެސް ހަވާލުކުރޭ. އެ އާއިލާގެ މުނިކާފަދަރީންނަށް ދާންދެން އަހަރުމެން ގޯނާކުރަން. މުނިކާފައަށް ހަދައިފައި ހުރި ސިހުރެއް ދަރީންނާ ހަމައަށް ވާރުތަ ވެސް ކުރުވަން. އެތައް ހާސް އަހަރެއް ވަންދެން އަހަރުމެން ދިރިތިބޭތީ އެއީ ވަރަށް ފަސޭހަކަމެއް. ބައެއް ޖިންނީންގެ ވަޒީފާއަކީ ވަކި މީހަކު އުފަލުގަ އުޅުނު ނުދިނުން. އެ ޖިންނި އަންނާނީ އެ މީހާއަށް އުފަލެއް ލިބޭ ވަގުތު އެކަނި. އައިސް އެ ކުރާ ކަމެއް ކޮށްލާފަ ދާނީ. އެއީ ސަލާމަތްވާން އެންމެ އުނދަގޫ ވައްތަރުގެ ސިހުރު. ކިތަންމެ ވަރަކަށް ޤުރުއާން ކިޔެވިޔަސް، ގާތުގަ ޖިންނި ނެތިއްޔާ އެއްވެސް އަލާމާތެއް ނުފެންނާނެ. ނަމާދުކުރުމާ ޤުރުއާން ކިޔެވުން އާދައަކަށް ހަދަންޖެހެނީ އެހެންވެ. އޭރުން ގާތުގަ ޖިންނި ހުންނަ ވަގުތަކާ ދިމާވީމަ ޖިންނީގެ ފަރާތުން އަލާމާތްތަކެއް ފެންނާނެ. ޤުރުއާން އަޑުއިވުމުން ޝައިތާނާއަކަށް މަޑަކުން ނުހުރެވޭނެ."
ނާޒިމާއަށް އެނގިފައިއޮންނަ ގޮތުގައި ޖިންނިޝައިތާނުން އިސްލާމްވުމުން ފިޔަގަނޑެއް ލިބެއެވެ. އެއީ ލިބޭ ޝަރަފެކެވެ. ނާޒިމާގެ ހިތުގައި ނަފުރަތު އުފެދިފައިވަނީ ޖިންނީންގެ ތެރޭގައި ހިމެނޭ ވަކި ބަޔަކަށެވެ. ޝައިތާނުންނަށެވެ. އިންސާނުންނަށް ގެއްލުންދޭ ބަޔަކީ އެއީއެވެ. އެކަމަކު، ވާހަކަދެއްކެނީ އިސްލާމް ވެފައިވާ ޖިންނިޔަކާއެވެ.
"އިސްލާމްވީމަ ފިޔަގަނޑެއް ލިބޭތަ؟" ނާޒިމާ ސުވާލުކުރިއެވެ.
"އަހަރެންގެ ފިޔަ ހުރޭ ކުރިން ވެސް!" އޭނަ ޖަވާބުދިނެވެ. "އެކަމަކު ފިޔަ ހުއްޓަކަސް، އިސްލާމްވީމަ ދެން އަހަރެންނަކަށް ނުއެއް ނުކުމެވޭނެ. މި ހަށިގަނޑު ތެރެއިން އަހަރެން ނެރެދީ!"
ނާޒިމާއަށް ގަބޫލުކުރަން ދަތިވިއެވެ. ސީދާ ނާޒިމާއަށް "އެ އެތި" ޖަވާބުދޭތީއެވެ. ވަގުތަކީ ޢިޝާ ނަމާދު ވަގުތެވެ.
"އަހަރުމެންނަކަށް ނޭނގެ ތި ކަން ކުރާކަށް. އަޅެ ބަލާލަބަލަ ކަލޭމެންގެ އެއްވެސް ދަންނަބޭކަލެއް ފެނޭތޯ،" ނާޒިމާ ބުންޏެވެ. "އޭރުން އޭނަގެ އެހީ ހޯދޭނެއްނު."
"ނޫން!" އޭނަ ޖަވާބުދިނެވެ. "ނުފެނޭ! އެކަކު ވެސް ނެތް."
އެ ރެއަކީ ނާޒިމާ ދުވަހަކު ވެސް ހަނދާން ނެތޭނެ ރެޔެއް ނޫނެވެ. ކުރާ ކޮންމެ ސުވާލަކަށް ޖިންނި ޖަވާބުދެއެވެ.
"މިހާރު އެންމެން ނަމާދަށް ގޮއްސަ ވާނީ،" ނާޒިމާ ބުންޏެވެ. "އިރުކޮޅަކުން އަންނާނެ."
"ހައުލާ" އިނީއެވެ. ނާޒިމާއާއި މޫނިސާ ވެސް ތިބީއެވެ. އެއްތަނެއްގައި، ދެ ނަސްލެއްގެ ދެބައިމީހުންނެވެ. ހަސަދައެއް ނަފުރަތެއް ނެތެވެ. ލޯތްބެއް އެކުވެރިކަމެއް ވެސް ނެތެވެ. ހަމަ އެހެންމެ ބީރައްޓެހިކަމާއި ބިރުވެރިކަމެއް ވެސް ނުމެ ނެތް މެއެވެ.
"ދެން އިންސާނުންނަށް ގޯނާ ނުކުރައްޗޭ އިނގޭ!" ނާޒިމާ އެދުނެވެ.
"އާނ!" ޖަވާބުގައި އޭނަ ބުންޏެވެ. "އަހަރެން ބޭނުން އިސްލާމްދީން އޮޅުންފިލުވަން."
"އާނ މަޑުކުރޭ! އިރުކޮޅަކުން މީހުން އަންނާނެ،" ނާޒިމާ ބަރާބަރަށް ޖަވާބުދެއެވެ. "ކެތްތެރިވާން ޖެހޭނެ."
"ލައްބަ!" އޭނަ އެ ފަހަރު ޖަވާބުދިނީ މާތް ބަހުރުވައިންނެވެ.
ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. އޭނަ ވާހަކަދެއްކީ އިޙުތިރާމާ އެކުގައެވެ. ނާޒިމާއަށް ފާހަގަކުރެވުނު ގޮތުގައި ޖިންނީންނަކީ ވަރަށް އަވަހަށް ކަންކަން ދަސްކުރާ ބަޔެކެވެ.
"ކޮބާ އަދިވެސް ނެތްތަ ދަންނަބޭކަލެއް ފެންނާކަށް؟" ނާޒިމާ އެހިއެވެ.
"ނޫން! އެބަ ދުރުވޭ މި ދިމާޔަށް،" ނުތަނަވަސް ވެފައި އޭނަ ބުންޏެވެ. "ކިހިނެއްތޯ އަޅުގަނޑު ހަދަންޖެހޭނީ؟ ކީކޭތޯ އަޅުގަނޑު ބުނަން ޖެހޭނީ؟"
"ފުރަތަމަ ބުނޭ އައްސަލާމް އަލައިކުމް! އެއީ މުސްލިމުން ސަލާންކުރާ ގޮތް،" ނާޒިމާ ކިޔައިދިނެވެ. "އެހެން ބުނީމަ އެނގޭނެއްނު ތީ މިހާރު އިސްލާމެއްކަން."
"ހައުލާ" ސަލާން ގޮވިއެވެ. ޖަވާބު ދިން އަޑެއް ނީވެއެވެ. ދެން ދެކެވުނު ވާހަކައެއް ވެސް ނީވެއެވެ. އޭނަ އިސްލާމްވި ހިސާބުން ހައުލާ އިންނަނީ އިސްޖަހައިގެންނެވެ.
"އަޅުގަނޑު ދެން ދަނީ އިނގޭތޯ،" އިރުކޮޅަކުން ހައުލާ ވާހަކަދެއްކިއެވެ. "އަޅުގަނޑު މި ދަނީ އިންސާނުންނަށް ހެޔޮ ދުޢާ ކުރަމުން. އަސްލު އަޅުގަނޑަށް ތެދު މަގު މި ދެއްކެވީ އިންސާނުންގެ ސަބަބުން. އަޅުގަނޑު ކިޔަވައިގެން ޢިލްމުވެރިޔަކަށް ވާނަން. އަޅުގަނޑު މި ދާ ތަން އެނގޭތޯ؟ މިތާ ކައިރީގަ މިހިރީނޫންތޯ މިސްކިތެއް. އެ މިސްކިތުގެ ތާޅަފިލި އެ ހުރި ތަނުގަ އުޅޭނެ އަޅުގަނޑުމެންގެ ވަރަށް މޮޅު ދަންނަބޭކަލެއް. އޭނަ ގާތަށް މި ދަނީ ޢިލްމު އުނގެނެން. ވަރަށް ބޮޑަށް ޝުކުރިއްޔާ! އައްސަލާމް އަލައިކުމް."
އޭނަ ދިޔުމާއެކު ހައުލާ ވަރަށް ހަމަޖެހިލައިފައި، ފުން ނޭވައެއް ބޭރުކޮށްލިއެވެ. އަދި ނާޒިމާއާ ދިމާއަށް ބަލައިލައިފައި ހިނިތުންވެލިއެވެ.
"އެކަމަކު މަންމާ!" ހައުލާ އާންމުކޮށް ވާހަކަދައްކާ މަޖާ ރާގުގައި ބުންޏެވެ. "އަހަރެން ހަމަ ހައިރާންވެއްޖެ!"
ނުނިމޭ