26 އޯގަސްޓް 2017 - 17:19

ޓެކްސަސް (އޮގަސްޓް 26) - އެމެރިކާގެ ޓެކްސަސް އަށް ބާރުގަދަ ތޫފާނެއް އަރައިފި އެވެ.
ހާވޭގެ ނަންދީފައިވާ ތޫފާން ޓެކްސަސްގެ އައްސޭރީގެ ހިސާބުތަކަށް އެރި އިރު ވައިޖެހުމުން ދިޔައީ ގަޑިއަކު 130 މޭލު (215 ކިލޯ މީޓަރު) ގެ ބާރު މިނުގަ އެވެ. ވޭތުވެދިޔަ 13 އަހަރު ދުވަހު ތެރޭ އެމެރިކާ އަށް އެރި އެންމެ ބާރުގަދަ ތޫފާނުގައި ބައެއް ހިސާބުތަކަށް ވަނީ 16.43 އިންޗި (42 ސެންޓި މީޓަރު) އަށް ވާރޭ ވެހިފަ އެވެ. މީގެ ކުރިން އެންމެ ބާރުގަދަ ތޫފާނެއް އެމެރިކާ އަށް އަރާފައި ވަނީ އޮގަސްޓް 2004 ގަ އެވެ.
ކެޓަގަރީ 4 ގެ މި ތޫފާނުގެ ސަބަބުން ބައެއް އިމާރާތްތައް ވެއްޓި އަދި ގިނަ ހިސާބުތަކަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. ކެޓަގަރީ 4 ގެ ތޫފާނުގައި ވައި ޖެހޭނީ ގަޑިއަކު 130-156 މޭލާ ދެމެދު އެވެ. ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވެސް ވަނީ ބައެއް ހިސާބުތަކުގައި ރެކޯޑް މިންވަރަކަށް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
ޓެކްސަސްގެ ގަވަރުނަރު ވަނީ މައި ސަރުކާރުގެ އެހީ އަވަސް ކުރުމުގެ ގޮތުން އެ ސްޓޭޓަށް "ޑިޒާސްޓާގެ ހާލަތު" ކުރިމަތިެވެފައިވާކަން އިއުލާން ކުރުމަށް ރައީސް ޑޮނަލްޑް ޓަރްމްޕަށް ދަންނަވައިފަ އެވެ.