ލަންކާގެ ހެލްތު މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ހުށަހަޅައިފި
ލަންކާގެ ހެލްތު މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ހުށަހަޅައިފި

ކޮލަމްބޯ (އޮގަސްޓް 26) - ސްރީ ލަންކާގެ ހެލްތު މިނިސްޓަރު ރަޖީތާ ސެނަރަތުނަގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ޖޮއިންޓް އޮޕޮޒިޝަނު (ޖޭއޯ)ގެ ފަރާތުން ޕާލަމެންޓަށް ހުށަހަޅައިފި އެވެ.

ލަންކާ ސަރުކާރުގެ ތަރުޖަމާނުގެ މަގާމު ވެސް އަދާކުރައްވާ ސެނަރަތުނަގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅީ ޖޭއޯގެ 39 މެންބަރުންގެ ސޮޔާ އެކު އެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރުގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި އަދި ސަރުކާރު ކޯލީޝަނުގެ މެންބަރު ރަވީ ކަރުނަނަޔަކަ ވިދާޅުވީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން އެ ވޯޓު ފެއިލްކޮށްލާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ކުރިން ވަނީ ކަރުނަނަޔަގެ މައްޗަށް ވެސް އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅައިފަ އެވެ. މަރުކަޒީ ބޭންކުގެ ޚިޔާނާތުގެ ތުހުމަތުގައި ކަރުނަނަޔަގެ މައްޗަށް ހުށަހެޅި މައްސަލައިގައި ވޯޓަށް އެހުމުގެ ކުރިން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ގަވަރްމަންޓް އިންފޮމޭޝަން ޑިޕާޓްމަންޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކަރުނަނަޔަކަ އިއްޔެ ވިދާޅުވީ ހެލްތު މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިދިކޮޅު ފަރާތްތަކުން އުޅުމަކީ ބޮޑު ޖޯކެއް ކަމަށެވެ.

"ހެލްތު މިނިސްޓަރާ ދެކޮޅަށް ވޯޓެއް ނަގަން އުޅެނީ ކީއްވެ؟ އެއީ ބޭހުގެ އަގު 80-90 ޕަސެންޓަށް ހެޔޮކޮށް ދިނީމާތަ؟" ކަރުނަނަޔަކަ ސުވާލު ކުރެއްވި އެވެ.

ކަރުނަނަޔަކަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު އުޅެނީ ޕާލަމެންޓުގެ މަސައްކަތަށް ހުރަސް އަޅާ ސަރުކާރު ހިންގުމަށް ދަތިކުރަން ކަމަށެވެ. ބައްދަލުވުމުގައި ބައިވެރިވި ޔޫއެންޕީގެ އެހެން މެންބަރުން ވެސް ވިދާޅުވެފައި ވަނީ މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ހުށަހަޅަނީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ހުއްޓުވުމަށް ކަމަށެވެ.

ލަންކާގެ ޖަސްޓިސް މިނިސްޓަރު ވެސް ދާދި ފަހުން ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭނާ މަގާމުން ދުރުކޮށްފައި ވަނީ ހަމްބަންޓޯޓާ ބަނދަރު ޗައިނާ އަށް ވިއްކި މައްސަލާގައި ސަރުކާރަށް ފާޑު ވިދާޅުވުމުންނެވެ.