ނޯތު ކޮރެއާ އިން ތިން މިސައިލެއް ޓެސްޓްކޮށްފި
ނޯތު ކޮރެއާ އިން ތިން މިސައިލެއް ޓެސްޓްކޮށްފި

ވޮޝިންޓަން (އޮގަސްޓް 26) - ކުރު ރާސްތާ ތިން މިސައިލެއް ނޯތު ކޮރެއާ އިން މިއަދު ޓެސްޓްކޮށްފައިވާ ކަމަށް އެމެރިކާ އާއި ސައުތު ކޮރެއާ އިން ބުނެފި އެވެ.

އެ މިސައިލްތައް ޓެސްޓްކޮށްފައި ވަނީ ނޯތު ކޮރެއާގެ ޕްރޮވިންސެއް ކަމަށްވާ ގަންގްވޮންގައި ކަމަށާއި މިސައިލްތައް ދަތުރުކޮށްފައި ވަނީ 250 ކިލޯ މީޓަރު (150 މޭލު) އަށް ކަމަށް ސައުތު ކޮރެއާ އިން ބުނެފައިވެ އެވެ.

އެމެރިކާ އިން ބުނެފައި ވަނީ ނޯތު ކޮރެއާ އިން ފޮނުވާލި މިސައިލްތަކުގެ ތެރޭން ދެ މިސައިލް ފޭލްވެފައިވާ ކަމަށެވެ.

ނޯތު ކޮރެއާ އިން މިދިޔަ މަހު އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޓެސްޓްކުރި ފަހުން އެ ގައުމުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒު ގާއިމްކޮށްފައިވާ ޕެސިފިކުގެ ގުއާމަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތަކުރާރުކޮށްދީފަ އެވެ. އެކަމަކު އެމެރިކާ އިން ބުނެފައި ވަނީ ނޯތު ކޮރެއާ އިން އެންމެ ފަހުން ޓެސްޓްކުރި މިސައިލުތަކުގެ ސަބަބުން ގުއާމަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

ނޯތު ކޮރެއާ އިން އާއްމުކޮށް މިސައިލް ޓެސްޓްތައް ކުރަނީ އެމެރިކާ އާއި ސައުތު ކޮރެއާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތަކާ ގުޅިގެންނެވެ. އެމެރިކާ އާއި ސައުތު ކޮރެއާގެ އެތައް ހާސް ސިފައިންނެއް މިހާރު ދަނީ އަސްކަރީ ތަމްރީނުތަކެއް ހަދަމުންނެވެ.