29 ޖޫން 2016 - 08:03

މަޝްހޫރު ބަތަލާ ޖޫލިއާ ރޮބަޓްސްގެ ކުރިއަށް އޮތް ފިލްމް "ވޮންޑާ" ގައި އޭނާގެ ފިރީމީހާގެ ރޯލަށް އެކްޓަރު އޮވެން ވިލްސަން ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ސްޓެފެން ޗްބޯސްކީ ޑައިރެކްޓް ކުރާ މި ފިލްމަށް މިހާރު ޖޫލިއާ ސޮއިކޮށްފައިވާ އިރު، ވިލްސަން އާ އަންނަނީ ވާހަކަ ދެކެވެމުންނެވެ. ސްޓެފަންކީއަކީ "ދަ ޕާކްސް އޮފް ބީން އަ ވޯލްފްލާވާ" ގެ ޑައިރެކްޓަރެވެ.
"ވޮންޑާ" އަކީ ހަމަ އެ ނަމުގައި ނެރުނު ކުޑަކުދިންގެ ވާހަކައިގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ދެހާސް ބާރަ ވަނަ އަހަރު ނެރުނު އެ ވާހައަކީ އާރްޖޭ ޕަލާޝިއޯ ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލެވެ.
"ވޮންޑާ" ގެ ދެ މިލިއަނަށް ވުރެ ގިނަ ކޮޕީ މިހާތަނަށް ވިކިފައިވެ އެވެ. ވާހަކައިގައި ކިޔައި ދެނީ މޫނުގައި އުނިކަމެއް ހުންނަ 10 އަހަރުގެ ފިރިހެން ކުއްޖެއްގެ ވާހަކަ އެވެ.
ލަޔަންސްގޭޓުން ޑިސްޓްރިބިއުޓް ކުރާ ފިލްމް "ވޮންޑާ" ގެ ލީޑް ރޯލަށް ޖޫލިއާ، 48، އާ އެކު ވިލްސަން، 47، ގެންނަން މަސައްކަތް ކުރާ އިރު، އެ ދެ މީހުންގެ ދަރިއެއްގެ ރޯލުން ފެނިގެން ދާނީ ރޫމް (2015) އިން ވިދާލި ޅަ އެކްޓަރު ޖެކޮބް ޓްރެމްބްލޭ އެވެ. މި ފިލްމް ވެގެން ދާނީ ޖޫލިއާ އާއި ވިލްސަން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.
"ޝަންހާއީ ނޫން" އާއި "ޝަންހާއި ނައިޓްސް" ފަދަ މަޝްހޫރު ފިލްމުތައް ކުޅެފައިވާ ވިލްސަން އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ ފެބްރުއަރީ މަހު ރިލީޒް ކުރި "ޒޫލެންޑާ 2" އިންނެވެ.
އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ "މާސްޓަމައިންޑްސް" އިންނެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު 30 ގަ އެވެ.
ރޮބަޓްސްގެ އެންމެ ފަހުން ފެނިގެން ދިޔައީ އެޕްރީލް މަހު ރިލީޒް ކުރި "މަނީ މޮންސްޓާ" އާއި "މަދާސް ޑޭ" އިންނެވެ.
ޖެކް ތޯން އާއި ސްޓީވް ކޮންރެޑް ސްކްރިޕްޓް ލިޔާ "ވޮންޑަ" ރިލީޒް ކުރަން ތާވަލްކޮށްފައި ވަނީ އެޕްރީލް 7، 2017 ގަ އެވެ.