އޯޑިއޯއާ ގުޅިގެން ސިފައިންގެ މީހަކު ވަތްކެއް ނުކުރަން: އެމްއެންޑީއެފް
އޯޑިއޯއާ ގުޅިގެން ސިފައިންގެ މީހަކު ވަތްކެއް ނުކުރަން: އެމްއެންޑީއެފް

ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ސިފައިންނާ ބައްދަލު ކުރައްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ދެއްކެވި ވާހަކަތަކުގެ އޯޑިއޯ ލީކުކޮށްލި މައްސަލާގައި އެއްވެސް މީހަކު ވަޒީފާއިން ނުކުރާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން ގާނޫނާ ޚިލާފު އަމަލެއް ހިންގާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހަށް ގަދަކަމުން ވަންނަވައި ގޯސް ހެއްދެވީ މެމްބަރުން ކަމަށާއި އެހެންވެ އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގު އަވަހަށް ނިންމައިދޭން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އަރިހުގައި އެދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އޯޑިއޯ ލީކުކޮށްލި މައްސަލައާ ގުޅިގެން އެސްޕީޖީގެ މީހަކު ވަނީ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދައްކަމުންނެވެ.

ނަމަވެސް އެކަން ދޮގުކުރައްވައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ސިފައިންގެ މީހަކު ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް މީހަަކަށް ފިޔަވަޅެއް އެޅިކަމެއް އަދި ސާފެއް ނުވެ އެވެ.

އޯޑިއޯ ލީކުވި މައްސަލައިގެ ތަހުގީގަށް ސިފައިންގެ މަރުކަޒަށް ގެންދިޔަ އެސްޕީޖީގެ އޮފިސަރުންތަކެއް ބަންދުކޮށްގެން އުޅުުނު ކަމަށް ވެސް އަޑުއެރި އެވެ. އެކަމަކު އެ ވާހަކަ ވެސް ސިފައިން ވަނީ ދޮގުކޮށްފަ އެވެ.