27 އޯގަސްޓް 2017 - 06:08

"ކަބީ ޚުޝީ ކަބީ ޣަމް"ގައި ކަރީނާ ކަޕޫރު ކެރެކްޓާ "ޕޫ" ގެ ކުޑައިރުގެ ރޯލު ކުޅުނު މާލްވިކާ ރާޖް ބޮޑުވެގެން ފިލްމީ މައިދާނަށް ނުކުންނަން ތައްޔާރު ވެއްޖެ އެވެ. މާލްވިކާ ތައާރަފްވާނީ ޑައިރެކްޓަރު ޓޯނީ ޓިސޫޒާގެ "ކެޕްޓަން ނަވާބު" އިންނެވެ. ފިލްމުގެ ބަތަލަކީ އިމްރާން ހާޝިމީ އެވެ.
ފިލްމުގެ ޑައިރެކްޓަރު ޓޯނީ ބުނި ގޮތުގައި މި ފިލްމުން އެމީހުން މަސައްކަތް ކުރަނީ ބޮލީވުޑް ފިލްމުތަކުން މިހާތަނަށް ފެނިފައި ނެތް އާ ކަންތައްތަކެއް ދައްކުވައިދެވޭތޯ އެވެ. އެހެންވެ ފިލްމުގެ ލީޑް ރޯލަށް ވެސް އެކަށީގެންވާ ރަނގަޅު އެކްޓަރުން އެމީހުން ތިބީ ބޭނުންވެފަ އެވެ.
މާލްވިކާ މި ރޯލަށް ހޮވީ ވަރަށް ގިނަ އޮޑިޝަންތައް ހަދައި އެ ހުރިހާ އޮޑިޝަންތަކަކުން ވެސް އެންމެ މަތިން މާކްސް ހޯދައިގެން ކަމަށް ޓޯނީ ބުންޏެވެ.
ޓޯނީ އިތުރަށް ބުނި ގޮތުގައި މާލްވިކާ އަކީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ފިލްމު ކުޅެފައިވާ ބަތަލާއަކަށް ވެފައި އަދި ފިލްމާއި ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ އާއިލާއެއްގެ ބަތަލާއަކަށް ވާތީ ފިލްމީ ވިޔަފާރީގެ ކަންތައްތައް އޮންނަ ގޮތް އޭނާއަށް ވަރަށް ރަނގަށް އެނގެ އެވެ.
މާލްވިކާ އަކީ މިހާރު ވަރަށް މަޝްހޫރު މޮޑެލް އެކެވެ. އަދި 2010 ގެ މިސް.އިންޑިއާ މުބާރާތުގައި ވެސް އޭނާ ބައިވެރިވި އެވެ. އަދި ތެލުގޫ ފިލްމު "ޖައިދޭވް"ގައި ވެސް މާލްވިކާ މަސައްކަތް ކޮށްފައިވެ އެވެ.
މާލްވިކާ ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި "ކަބީ ޚުޝީ ކަބީ ޣަމް" ކުޅުނު ދުވަސްވަރު އޭނާ ވަރަށް ޅަވެފައި ސިޔާސަ އެވެ. އެހެންވެ އެ ފިލްމު ނިމުމުން ކިޔަވަން ސަމާލުކަންދީ އެކްޓްކުރުން ހުއްޓާލަން ބައްޕަ އެންގި އެވެ. ޗައިލްޑް އެކްޓަރެއްގެ ގޮތުގައި ފިލްމު ކުޅުމުގެ ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބުނު ކަމަށާއި ނަމަވެސް އޭނާގެ ބައްޕަ އެއްވެސް ފިލްމެއް ކުޅެން ހުއްދަ ނުދިނީ ކަމަށް މާލްވިކާ ބުންޏެވެ.