ކަރަން އާއި ކާޖޮލް އަލުން އެކުވެރިވުމާ މެދު އަޖޭ ދައްކާނެ ވާހަކައެއް ނެތް
ކަރަން އާއި ކާޖޮލް އަލުން އެކުވެރިވުމާ މެދު އަޖޭ ދައްކާނެ ވާހަކައެއް ނެތް

ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް އާއި ބަތަލާ ކާޖޮލްގެ ގުޅުން ވަރަށް ވަރުގަދަކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން އާއި ކަރަންއާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި އެ ގުޅުން ވަނީ ކެނޑިފަ އެވެ.

ކަރަންގެ ބައޮގްރަފީ "ދި އަންސޫޓެބަލް ބޯއި" ގައި އޭނާ ބުނެފައިވާ ގޮތުގައި ކާޖޮލް އާއި އޭނާގެ އެކުވެރިކަމަކީ މާޒީ އެވެ.

ދެ މީހުންގެ އެކުވެރިކަމަށް އިތުރަށް ބުރޫއަރާ އެކަކު އަނެކަކަށް ބަހުގެ ހަމަލާދޭ ހިސާބަށް ދިޔައީ ކަރަންގެ "އޭ ދިލް ހެ މުޝްކިލް" އާއި އަޖޭގެ "ޝިވާއޭ" އެއް ދުވަހަކު ރިލީޒްކުރަން ހަމަޖެހުނު ހިސާބުންނެވެ.

ކަރަން މީހަކަށް 25 ލައްކަ ރުޕީސް ދީގެން، އަޖޭ ޑައިރެކްޓްކޮށް އެކްޓް ވެސް ކޮށްފައިވާ "ޝިވާއޭ" އަށް ގެއްލުންދޭން މަސައްކަތްކުރި ކަމަށް އަޖޭ ތުހުމަތު ކުރި އެވެ.

ކަރަން ވަނީ އޭނާގެ އޮޓޮަބައިގްރޮފީގައި މި ވާހަކައަށް ވެސް ޖަވާބު ދީފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އަޖޭގެ ފިލްމަށް ހުރަސް އަޅަން މީހަކަށް ރިޝްވަތު ދިން ކަމަށް ބުނެ މީހަކު (ކާޖޮލް) ވަނީ ދޮގު އިލްޒާމްތަކެއް އަޅުވާފަ އެވެ. އެ ހިސާބުން އެ ގުޅުން މުޅިން ކެނޑުނީ ކަމަށް އޭނާ ގަބޫލުކުރާ ކަމަށް ކަރަން ބުނެފައިވެ އެވެ.

ދެ މީހުންގެ ރުޅިވެރިކަން އިންތިހާއަށް ގޮސް އެކަކު އަނެކަކާ ވާހަކަ ނުދައްކާ އެތައް ދުވަހަކު ތިބި ފަހުން އެންމެ ފުރަތަމަ ޒައިތޫނި ގޮފިކޮޅެއް ދިއްކޮށްލީ ކާޖޮލް އެވެ. ކާޖޮލް ވަނީ އޭނާގެ އުފަން ދުވަހުގެ މުނާސަބަތުގައި މެންދުރުގެ ކެއުމަކަށް ކަރަން އަށް ދައުވަތު ދީފަ އެވެ. އަދި ކަރަންގެ ދެ ދަރިން ކަމަށްވާ ޔާޝް އާއި ރޫހީގެ ފޮޓޯއެއް ކަރަން އިންސްޓަގްރާމް ކުރުމުން އެ ފޮޓޯއަށް ވެސް ކާޖޮލް ވަނީ ލައިފް ކޮށްފަ އެވެ. ބަދަލުގައި ކަރަން ވަނީ ސޯޝަލް މީޑިއާގައި އަނެއްކާވެސް ކާޖޮލް ފޮލޯކުރަން ފަށައިފަ އެވެ. އަދި މި ހިސާބުން ދެ މީހުންގެ މެދުގައި އޮތް ރުޅިވެރިކަން ނިމި އަލުން ސުލްހަވީ ކަމަށް ވަނީ ބެލެވިފަ އެވެ.

ނަމަވެސް ކަރަން އާއި ކާޖޮލް ސުލްހަވުމާ މެދު ނޫސްވެރިން އަޖޭއާ ކުރި ސުވާލަށް އޭނާ ޖަވާބެއް ނުދިނެވެ. އޭނާ ބުނި ގޮތުގައި ޒާތީ ވާހަކަތަކާއި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ އޭނާ އެއްއިރެއްގައި ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް މި މައްސަލައާ ބެހޭ ގޮތުން އޭނާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.

އަޖޭ މިހާރު އުޅެމުންދަނީ އަންނަ މަހު 1 ގައި ރިލީޒްކުރަން ހަަމަޖެހިފައިވާ އޭނާގެ ފިލްމު "ބާދްޝާއޯ" ޕްރޮމޯޝަން މަސައްކަތުގަ އެވެ. މި ފިލްމުގައި އިމްރާން ހާޝިމީ އާއި އީޝާ ގުޕްތާ އަދި އިލައިނާ ޑިކްރޫޒް ވެސް މުހިއްމު ރޯލުތަކެއް ކުޅެ އެވެ.