މަހްލޫފް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
މަހްލޫފް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ މަހްލޫފް ފުލުހަށް ހާޒިރުވާން އެންގީ ރޭ ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގާ، އަމުރަށް ނުކިޔަމަންތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.

އެ މައްސަލާގައި މަހްލޫފް ރޭ ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އޭނާ ކޯޓަށް ގެންދިއުމުން ކޯޓުން މިއަދު ވަނީ އެއްވެސް ޝަރުތަކާ ނުލައި އޭނާ ދޫކޮށްލައިފަ އެވެ.

މަހްލޫފް ފުލުހަށް ހާޒިރުވާން އެންގިއިރު މަޖިލީހުގެ އިދިކޮޅު ކޯލިޝަންގެ މެމްބަރުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި އެ ކޯލިޝަނަށް ނިސްބަތްވާ 13 މެމްބަރަކަށް ދައުވާކޮށް، މިހާރު މައްސަލަ އޮތީ ކޯޓުގަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކޯޓުން ރޭ ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.