25 އޯގަސްޓް 2017 - 17:26

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރީ ސިޔާސީ ހުކުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް ހުށަހެޅިކަން ސާބިތުވެގެން ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ރޭ ކުރި ހުކުމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ގާސިމްގެ ޣައިރު ހާޒިރުގައި ކުރި ހުކުމަކީ ސިޔާސީ ގޮތުން ކުރި ހުކުމެއް ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ.
މިވަގުތު ހޮސްޕިޓަލްގައި އޮންނެވި ގާސިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ސަރުކާރުން ހުއްދަ ދޭންޖެހޭ ކަމަށް ވެސް، އިނގިރޭސިވިލާތުގެ ހިމާޔަތުގައި ހުންނަވައިގެން މި ވަގުތު އިންޑިއާ އަށް ވަޑައިގެން އުޅުއްވާ ނަޝީދު ކުރެއްވި އެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ގާސިމްގެ މައްޗަށް ކުރި ހުކުމާ އެކު، އޭނާ އަދާ ކުރައްވަމުން ގެންދެވި މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ވެސް ވަނީ ހުސްވެފަ އެވެ.
ގާސިމަށް ހުކުމްކުރީ އޭނާ އިއްޔެ ކޯޓު ތެރޭގައި އަނބުރައިގެނެގެން ވެއްޓި ވެއްޓި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ.
ގާސިމްގެ މައްޗަށް ޣައިރު ހާޒިރުގައި ކުރި އެ ހުކުމަކީ އާ ގާނޫނު އަސާސީ އައިފަހުން ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ ޣައިރު ހާޒިރުގައި ކުރި ދެވަނަ ހުކުމެވެ. މީގެކުރިން އެގޮތަށް ހުކުމްކުރީ ޑްރަގްގެ ބޮޑު މައްސަލައެއްގައި ޝަރީއަތް ހިންގައި، ހުކުމާ ހިސާބުގައި އޮއްވާ ފިލައިގެން އުޅުނު މީހެއްގެ މައްޗަށެވެ.