ގާސިމަށް އިއްވީ އޭނާ ރާއްޖެއިން ބޭރަށް އަރުވާލުމުގެ ހުކުމެއް: ސުއޫދު
ގާސިމަށް އިއްވީ އޭނާ ރާއްޖެއިން ބޭރަށް އަރުވާލުމުގެ ހުކުމެއް: ސުއޫދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރޭ އިއްވި ހުކުމުން ދޭހަވަނީ އެއީ ރާއްޖެއިން ބޭރަށް ގާސިމް އަރުވާލުމުގެ ހުކުމެއްގެ ގޮތުގައި ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއާ ގުޅިގެން ގާސިމްގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން ރޭ މެންދަމު ކުރި ހުކުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ އެ ހުކުމުން ދޭހަވަނީ ގާސިމް ރާއްޖެއިން ބޭރަށް އަރުވާލުމުގެ ހުކުމެއްގެ ގޮތުގައި ކަމަށާއި އެއީ ރޯމަނުންގެ ޒަމާނުގައި ކޮށް އުޅުނު ބާވަތުގެ ހުކުމްތައް ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ހުކުމް ކޮށްފީމޭ، ކަލޭ ރާއްޖެއިން ބޭރަށް ދާށޭ. އެ ވައްތަރު ހުކުމް އެންމެ ފަހުން އަޅުގަނޑުމެންނަށް ފެނުނީ ރޯމަން ޒަމާނުގައި ރޫމުގައި ކުރި ހުކުމްތަކެއް. ކަލޭ ކުށްކުރީމަ ދެން މި ގައުމަކަށް އަރައިގެން ނުވާނެއޭ." ސުއޫދު ވިދާޅުވި އެވެ.

އެ ހުކުމަކީ ގާނޫނއަސާސީ އާއި އުޑުދަށުގައި ހުރި ހުރިހާ އެއްޗަކާ ޚިލާފަށް ކުރި ހުކުމެއް ކަމަށް ވިދާޅުވެ، ސުއޫދު ވިދާޅުވީ އެގޮތަށް އަމަލުކޮށްގެން އިންސާފު ގާއިމް ނުކުރެވޭ ކަމަށެވެ. ފަނޑިޔާރުން ވެސް އަމަލު ކުރަންޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށާއި އެއާ ޚިލާފަށް އަމަލު ކުރާ ނަމަ ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ދެކޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ކުރި ދައުވާ ސާބިތުވުމުންނެވެ. ގާސިމް ހޮސްޕިޓަލްގައި އޮންނަވަނިކޮށް އޭނާގެ ޣައިރު ހާޒިރުގައި ކުރި ހުކުމްގެ ސަބަބުން އޭނާ އަދާ ކުރައްވަމުން ގެންދެވި މަޖިލީހުުގެ މާމިގިލީ ދާއިރާގެ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ.