25 އޯގަސްޓް 2017 - 15:58

ޚަރުތޫމް (އޮގަސްޓް 25) - ސޫދާނަށް ކަނޑައަޅާފައި ހުންނަ ރަޝިޔާ ސަފީރު މިރްގަޔާސް ޝިރިންސްކީ ޚަރުތޫމުގައި ހުންނަ ސަފީރު ދިރިއުޅުއްވާ ގޭގެ ސްވިމުން ޕޫލުގައި އަވަހާރަވެފައި އޮއްވާ ފެނިއްޖެ އެވެ.
ސޫދާނުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ. ސަފީރު އަވަހާރަވި ސަބަބެއް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ރަޝިޔާ އެމްބަސީގެ ތަރުޖަމާނަކު ވިދާޅުވީ ސަފީރު ޝިރިންސްކީ، 63، އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަވަހާރަވި ރަޝިޔާގެ ސަފީރަކީ 1977 ވަނަ އަހަރުން ފެށިގެން ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އިނގިރޭސި އަދި އަރަބި ބަހުން ވެސް ފަރިތަކަމާ އެކު ވާހަކަ ދައްކަވާ ޝިރިންސްކީ ވަނީ މިސްރާއި ސައުދީ އަރަބިއާ އަދި ޔަމަނުގައި ހުންނަ ރަޝިޔާ އެމްބަސީގައި މަސައްކަތް ކުރައްވައިފަ އެވެ.
ސޫދާނާއި ރަޝިޔާ އިން ސިޔާސީ އަދި އިގްތިސާދީ ގުޅުން ދަމަހައްޓަމުންދާތާ އެތައް އަހަރެއްވެއްޖެ އެވެ. ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރު ވަނީ ވަރަށް އަވަހަށް ރަޝިޔާ އަށް ވަޑައިގަތުމަށް ހަމަޖެހިފަ އެވެ.