25 އޯގަސްޓް 2017 - 15:08

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއްވެސް މެޗެއް ނުވާނެ ކަމަށާއި މިހާރު ލިބޭ ކޮންމެ ޕޮއިންޓެއްގެ ވެސް ފައިދާ ފެންނާނީ ލީގު ނިމޭއިރު ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ގދ. ތިނަދޫއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުން ބަލިވާން ދަނިކޮށް އެ ޓީމު ސަލާމަތްވީ ފަހު ވަގުތު ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ޖެހި ލަނޑުންނެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
"ކިހިނެއް އެނގެނީ މި ޕޮއިންޓު ކުރިއަށް އޮތް ތަނުގައި ކިހާ މުހިއްމު ވާނެކަމެއް. ކޮންމެ ޕޮއިންޓެއް ވެސް މުހިއްމު މި ޕޮއިންޓުގެ މުހިއްމުކަން އެނގޭނީ ލީގު ފަހުކޮޅު. މިއީ ބޮޑެތި ލީގުތަކުގައި ވެސް ވެފައި ހުރި ކަންތައްތައް،" ތިނަދޫ މެޗަށް ފަހު ސެކުލޮސްކީ ބުންޏެވެ.
މިދިޔަ ހަފްތާގައި ށ.މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ހުރީ އަނިޔާގެ އެވެ. ސެކުލޮސްކީ ބުނީ ތިނަދޫ މެޗުގައި އަސަދުﷲ ނެތްތަން ވަރަށް ބޮޑަށް ދެއްކި ކަމަށެވެ.
"އަސަދުﷲ ނެތްތަން މި މެޗުގައި ވެސް ވަރަށް ބޮޑަށް ދެއްކި. އަހަރެމެން އެބަޖެހޭ އޭނާ ނެތްއިރު ކުޅޭނެ ގޮތްތަކެއް ހޯދަން. އެއީ ކޮންމެ މެޗެއް ވެސް އުނދަގޫކޮށް މިދަނީ. އަސަދުﷲގެ މުހިއްމުކަން މި ޓީމަށް ބޮޑުކަން މި ފެންނަނީ އެކަމަކު އޭނާ ނެތް ހާލަތަކަށް އަހަރެމެން އެބަޖެހޭ ތައްޔާރުވާން،" ސެކުލޮސްކީ ބުންޏެވެ.
ގައުމީ ޓީމު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ލީގު މެދުކަނޑާލާފައިވާއިރު ދެން ލީގު ފަށާނީ އަންނަ މަހު ނުވަ ވަނަ ދުވަހު އެވެ. ގައުމީ ޓީމުގެ ސްކޮޑުން އަނިޔާ އިން ރަނގަޅުވެ އެއްކޮށް ފިޓްނުވާނެތީ އަސަދުﷲ ވަނީ ލިސްޓުން ބާކީ ކޮށްފަ އެވެ. ބެލެވޭ ގޮތުގައި ބްރޭކަށް ފަހު އަލުން ލީގު ފަށާއިރު އަސަދުﷲ ފެންނާނެ އެވެ.
"އަހަރެން އުއްމީދުކުރަން އަސަދުﷲ ވަރަށް އަވަހަށް ކުޅުމަށް އެނބުރި އަންނާނެކަމަށް. މި ޓީމަށް އޭނާ ބޭނުންވޭ،" ސެކުލޮސްކީ ބުންޏެވެ.
މާޒިޔާ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ އެއް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ހަތަރު މެޗުން އެ ޓީމަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ބްރޭކަށް ފަހު އަންނަ މަހު 10 ވަނަ ދުވަހު މާޒިޔާ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.