ޖިނާއީ މައްސަލަތައް ޣައިރު ހާޒިރުގައި ނިންމުމަކީ ނުރައްކާތެރި ކަމެއް: ކުރީގެ އުއްތަމަ ފަނޑިޔާރު
ޖިނާއީ މައްސަލަތައް ޣައިރު ހާޒިރުގައި ނިންމުމަކީ ނުރައްކާތެރި ކަމެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

ޖިނާއީ މައްސަލަތައް ޣައިރު ހާޒިރުގައި ހިންގައި، ހުކުމް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

"ސުޕްރީމް ކޯޓުން އެކަން ހުއްޓުވަން ޖެހޭނެ،" ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމްގެ މައްޗަށް ރޭ ދަންވަރު ޣައިރު ހާޒިރުގައި ޝަރީއަތެއް ހިންގައި ހުކުމްކޮށްފައި ވަނިކޮށް، ފާއިޒް މިއަދު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައި ވެ އެވެ. އެކަމަކު އެކަމާ ގުޅޭ އެހެން ވާހަކައެއް ފާއިޒް ލިޔުއްވާފައެއް ނުވެ އެވެ.

ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެ، ތިން އަހަރާއި ދެ މަހަށް ޖަލު ހުކުމެއް އިއްވީ އިއްޔެ ދެ ޝަރީއަތް ކުރުމަށް ފަހު ރޭ ދަންވަރު އެކެއް ޖެހި ފަހުންނެވެ. ތިން އަހަރަށް ވުރެ ދިގު ހުކުމާ އެކު އޭނާގެ މެމްބަރުކަން ވެސް ގެއްލިފަ އެވެ.

ދަންވަރު ކޯޓު ހުޅުވައި، އަދި ބަލި ހާލަތުގައި ގާސިމް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށް ކުރި ހުކުމަށް ވަަރަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ގާސިމަށް ހުކުމް ކުރި ޝަރީއަތް، ރޭ ދަންވަރު ބާއްވައިފައި ވަނީ ޝަރީއަތް ފެށުމުގެ ގަޑިއެއްހާ އިރު ކުރިން އެންގުމަށް ފަހު އެވެ. އޭގައި ބުނެފައިވާ ގޮތުން އެ ޝަރީއަތް ޣައިރު ހާޒިރުގައި ނަމަވެސް ރޭ ނިންމާނެ އެވެ.

މި މައްސަލަ ގާސިމްގެ ވަކީލުން ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ރޭ ވިދާޅުވީ ދައުވާ ލިބޭ މީހަކު ބަލިވެގެން، ޝަރީއަތަށް ހާޒިރުވެވެން ނެތް ކަމަށް އަންގައިފި ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވެސް ދެ ދުވަހުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.

"އެކަމަކު ގާސިމްގެ ޝަރީއަތް މިރޭ ކުރިއަށް ގެންދިޔައީ އެ ފުރުސަތު ވެސް ގެއްލޭ ގޮތަށް،" ހިސާން ރޭ ވިދާޅުވި އެވެ.