25 އޯގަސްޓް 2017 - 11:26

ބޮޑެތި އިނާމުތަކާ އެކު ދިރާގުން ރާޅުބިސް (އާރުބީ) ކުއެސްޓްގެ ނަމުގައި ތަފާތު ގޭމެއް ތައާރަފްކޮށްފި އެވެ.
ސީ ހައުސް ބްރެސަރޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުން ތައާރަފްކުރި ގޭމަކީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ އާގިއުމެންޓެޑް ރިއަލިޓީ ގޭމް އެޕް އެވެ. ދިރާގުން ސޯޝަލް މީޑިއާގައި ޕްރޮމޯޓް ކުރަމުން އަންނަ "ކޮބާ ކަލޯ" ހޭޝްޓެގަކީ އެ ގޭމުގެ ޕްރޮމޯޝަނެކެވެ.
ދިރާގުން ބުނީ ގޭމް ކުރިއަށް ގެންދާނީ ރެއިން ފެށިގެން ފަސް ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ފަސް ދުވަހުން އެންމެ ގިނަ ރާޅުބިސް ހޮވާ ތިން މީހަކަށް ބޮޑެތި އިނާމުތަކެއް ވެސް ވަނީ ހުޅަހަޅައިފަ އެވެ.
ފަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ރާޅުބިސް ހޯވާ ފަރާތަކަށް ލިބޭނީ ދެ މީހަކު ޔޫރަޕް ހަތަރު ގައުމަކަށް، އަށް ދުވަހުގެ ދަތުރެކެވެ. ދެ ވަނަ ފަރާތަށް ފުލް މޫން ރިސޯޓުގައި ތިން ދުވަހުގެ ހުރުން އަދި ތިން ވަނަ ފަރާތަކަށް ޑިޖިޓަލް ޕެކެއް ލިބޭނެ އެވެ.
ޑިޖިޓަލް ޕެކްގައި ހިމެނެނީ ޕީއެސް 4، މެކްބުކް ޕްރޯ އަދި ސެމްސަން ގެލެކްސީ 8 އެކެވެ. އަދި ގޭމް ކުރިއަށްދާ ކޮންމެ ދުވަހަކަށް، އެ ދުވަހަކު އެންމެ ގިނަ ރާޅުބިސް ހޮވާ ފަރާތަކަށް އެޕަލް ގަޑިއެއް ލިބޭނެ އެވެ. އޭގެ އިތުރުން ބޮޑެތި ޑިސްކައުންޓްތަކާ، ހިލޭ ކޮފީ ލިބުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
އައިއޯއެސް އަދި އެޕްސްޓޯ އިން އާރުބީ ކުއެސްޓް ޑައުންލޯޑްކޮށް، ފޯނު ނަންބަރު ރެޖިސްޓްރީ ކުރުމުން ގޭމް ކުޅެވޭނެ އެވެ. ގޭމުގައި އެހީތެރިއަކަށް އުޅޭ ކެރެކްޓާ އަކީ ދިވެހި ފޭއްޔެއްގައި، ހުސް ގަޔާ ހުންނަ "ކަލޯ" ކިޔާ ކެރެކްޓާއެކެވެ. އެ ވަގުތެއްގައި ރާޅުބިސް އެންމެ ގިނައިން ހުރީ ކޮން ތަނެއްގައިކަން ހޯދުމަށް ކަލޯގެ އެހީތެރިކަން ގޭމް ކުޅެން ފެށުމުން ލިބޭނެ އެވެ.
ސަލްޓަން ޕާކުގައި އަލަށް ހުޅުވި ރަސް ރަނި ބަގީޗާގައި ދިރާގުން މިއަދު ބާއްވާ ކުޑަކުދިންގެ ހަވީރުގެ ތެރެއިން ރާޅުބިސް ހޮވުމަށް "ރަނުގެ ފުރުސަތެއް" ލިބިގެން ދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ރާޅުބިސް ހުރި ތާކަށް ދިއުމުން ސްކްރީނަށް އަރާނެ އެވެ. ރާޅުބިސްތައް ހޮވޭނީ ސްކްރީނަށް އަރާ އެއްޗެއްސަށް ފިއްތުމުންނެވެ. އެގޮތަށް ކޮންމެ ދުވަހަކު އެންމެ ގިނައިން ރާޅުބިސް ހޮވާ 10 ފަރާތެއް ލީޑާ ބޯޑުން ފެންނާނެ އެވެ.