24 އޯގަސްޓް 2017 - 20:56

އެއީ އަނިޔާވެރި ޖާހިލު ބައެއް ކަމަށާއި އެ މީހުންގެ ތަފްސީލު ވަރަށް އަވަހަށް އާއްމުވާނެ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް މިއަދު މެސެޖެއް ދެއްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަށް ޖުވެނައިލް ކޯޓަށް އައްޔަން ކުރެއްވި ބާރީ މި މެސެޖު ދެއްވީ އޭނާގެ ފޭސްބުކްގަ އެވެ.
އޭނާ ވިދާޅުވީ "ހަމަކަށަވަރުން އެބައި މީހުންނަކީ އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އެއީ "ކޮން ބައެއް ކަމާއި އެ މީހުންގެ އަނިޔާވެރިކަމާއި ޖާހިލު ކަމުގެ ތަފްސީލު އަންނަނީ" ކަމަށް ވެސް ބާރީ ވިދާޅުވި އެވެ.
ބާރީ މިދައްކަވަނީ ކޮން ބައެއްގެ ވާހަކަ ކަމެއް އަދި ކޮން ކަމަކާ ގުޅިގެން ލިއުއްވި ވާހަކަތަކެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.
މި ސަރުކާރުގައި ސިޔާސީ ގިނަ ބޭފުޅުންތަކެއްގެ މައްސަލަ ބެއްލެވި ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާ އެކުގަ އެވެ. ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރި ފަހުން ގާސިމްގެ މައްސަލަ ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިގެން ކުރިއަށް ގެންދާއިރު މިއަދު ޝަރީއަތަށް ހާޒިރުކޮށްފައި ވަނިކޮށް ގާސިމްގެ ހާލު ގޯސްވެ ކޯޓުތެރެއަށް ވަނީ ވެއްޓިފަ އެވެ. ހިތުގެ އާލާސްކަންފުޅެއްގައި އުޅުއްވާ ގާސިމަށް ފަރުވާ ދެވެން އަންނަނީ ރާއްޖެއިން ބޭރަށް ގެންގޮސް ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.