24 އޯގަސްޓް 2017 - 21:26

ރ. މާކުރަތު ގެއެއްގައި ގެންގުޅުނު ކުދި ވެލާތަކެއް ސަލާމަތްކޮށް އިއްޔެ މޫދަށް ދޫކޮށްލައިފި އެވެ.
ބަންދުކޮށްގެން ގެންގުޅު 11 ވެލާ ސަލާމަތްކުރީ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ފުލުހުން ގުޅިގެންނެވެ.
އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ވެލާ ކަހަނބު ހިފައިގެން ގެންގުޅޭ ނަމަ، ގާނޫނުގައިވާ ގޮތުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ވެލާ ކަހަނބަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އެތަކެތި ހިފައިގެން ގެންގުޅުމާއި ބިސްނެގުމާއި އެއްވެސް ގޯނާއެއްކުރުމަކީ މަނާ ކަމެކެވެ. އެފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ފުލުހުންނާއި ކަމާގުޅޭ އެހެން އިދާރާތަކާ އެކު އަޅާނެ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.