24 އޯގަސްޓް 2017 - 17:05

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަވަހަށް ރާއްޖެއިން ބޭރަށް ގެންދަން އައިޖީއެމްއެޗުން މިއަދު އަންގައިފި އެވެ.
ގާސިމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމަކަށް ކޯޓުގައި މިއަދު ހުންނަވަނިކޮށް އަނބުރައިގެނެގެން ވެއްޓުމާ ގުޅިގެން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާ ގާސިމްގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ބެއްލެވި އަޖީއެމްއެޗްގެ ސީނިއާ ކޮޮންސަލްޓެންޓް އިން ކާޑިއޮލޮޖީ ޑޮކްޓަރު އަލީ ޝަފީގު ދެއްވާފައިވާ ލިޔުމުގައިވާ ގޮތުން ހިތުގެ ދެ ޓެސްޓެއް ހެދުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގާސިމް ގެންދަން ޖެހެ އެވެ.
އެ ޓެސްޓަކީ ރާއްޖެއިން ހެދެން ނެތް ޓެސްޓެއް ކަމަށާއި އިތުރަށް ލަސްކޮށްފި ނަމަ ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް އައިޖީއެމްއެޗްގެ އަލީ ޝަފީގު ދެއްވާފައިވާ އެ ލިޔުމުގައިވެ އެވެ.
މީގެކުރިން ވެސް ގާސިމްގެ ހިތުގެ މައްސަލަތަކެއް ކުރިމަތިވެގެން ހޮސްޕިޓަލްގައި ދެ ފަހަރެއްގެ މަތިން އެޑްމިޓް ކުރި އެވެ. އޭރު ވެސް ގާސިމް ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތް ކުރި އެވެ. އެކަމަކު ކޯޓުގައި މައްސަލަ އޮތުމުން ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ ގާސިމް ބޭޭރަށް ގެންދެވޭ ގޮތެއް ނުވެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ މިއަދު ބާއްވަން އޮތީ ފަހު އަޑުއެހުމެވެ. އެކަމަކު ގާސިމް ހޮސްޕިޓަލަށް ގެންދަން ޖެހުމާ ގުޅިގެން އަޑުއެހުން ވަނީ މެދުކަނޑާލައިފަ އެވެ.