24 އޯގަސްޓް 2017 - 16:29

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެއިން ރޯ ހައުސްއެއް ބައްލަވައިގެންފި އެވެ.
މުއިއްޒު ބައްލަވައިގަތީ 3،388 އަކަފޫޓްގެ ރޯ ހައުސްއެކެވެ. ދާދިފަހުން ތަރައްގީކުރި ރޯހައުސްތަކުގެ ތެރޭގައި ހިމެނޭ އެ ރޯހައުސް މުއިއްޒު ބައްލަވައިގަތީ 5.9 މިލިއަން ރުފިޔާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދެއްކެވުމަށް ފަހު އެވެ.
އެ މުއާމަލާތް ސައްހަ ކަމަށް ނިންމައި، އެ ރޯހައުސްގެ މިލްކުވެރިއަކީ މުއިއްޒު ކަމަށް ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން އެ ރޯހައުސްއަކީ މުއިއްޒު ފްލެޓެއް ބައްލަވައިގަންނަ ފުރަތަމަ ފަހަރު ކަމަށްވާތީ ބިމާ ބެހޭ ގާނޫނުގެ ދަށުން އެ މުއާމަލާތަށް ޓެކްސް ދައްކާކަށް ނުޖެހޭނެ އެވެ.
ބިމާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން އެއްމެދު އިމާރާތަކުން މީހަކު ފުރަތަމަ ފަހަރަށް ފްލެޓެއް ގަންނައިރު އެ މުއާމަލާތަށް ދައުލަތަށް ޓެކްސް ދައްކާކަށް ނުޖެހޭނެ އެވެ.
މުއިއްޒުގެ އިތުރުން ވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސިޔާސީ ދާއިރާގައި ވަރަށް އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން، އެންމެ ފަހުން ވިއްކި ރޯ ހައުސްތަކުން ބައްލަވައިގެންފައިވެ އެވެ.