24 އޯގަސްޓް 2017 - 16:29
ރިޔާޒް (އޮގަސްޓް 24) - ސައުދީ އަރަބިއާގެ ޖިއްދާގެ ކާރޫބާރޫ ބޮޑު މަގެއްގެ މަތީގައި މަކަރީނާ ނެށުން ޖައްސައިގެން ހައްޔަރުކުރި 14 އަހަރުގެ ކުއްޖާގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި އެ ކުއްޖާ ފުލުހުން ދޫކޮށްލައިފި އެވެ.
ދާޚިލީ ވުޒާރާ އިން ބުނީ އެ ކުއްޖާ ވަނީ މީގެ ފަހުން މަގުމަތީގައި ނަށާ އޭނާއަށާއި އެހެން މީހުންނަށް ނުރައްކާވެދާނެ ފަދަ ކަމެއް ނުކުރަން ލިޔުމެއްގައި ސޮއިކޮށްފައި ކަމަށެވެ. އެ ކުއްޖާގެ ބެލެނިވެރިން ލައްވާ ވެސް ވަނީ މި ލިޔުމުގައި ސޮއި ކުރުވައިފަ އެވެ. އެއީ ކޮން ގައުމެއްގެ ކުއްޖެއްކަން ނުބުނި ނަމަވެސް އެއީ އަރަބި ގައުމެއްގެ ކުއްޖެއް ކަމަށް ދާޚިލީ ވުޒާރާ އިން ބުނެފައިވެ އެވެ.
މިދިޔަ އަހަރު ނަގާފައިވާ 45 ސިކުންތުގެ ވީޑިއޯގައި އެ ކުއްޖާ ނަށަމުން ދިޔައީ ޖިއްދާގެ ވަރަށް ބިޒީ ފަސް-ލޭނުގެ މަގެއްގަ އެވެ. ހެޑްފޯނު އަޅައިގން ހުރި ކުއްޖާގެ ނެށުމުގެ ސަބަބުން ޓްރެފިކް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ކުއްޖާ ނަށާ ވީޑިއޯ ސޯޝަލް މީޑިއޯގައި އަންގާރަ ދުވަހު އާއްމުވުމާ އެކު މައްކާގެ ފުލުހުން ވަނީ ސުވާލު ކުރުމަށް އެ ކުއްޖާ ހާޒިރުކޮށްފަ އެވެ.