މާފުށީ ޖަލުގައި އަނެއްކާވެސް ގައިދީއަކު މަރުވެއްޖެ
މާފުށީ ޖަލުގައި އަނެއްކާވެސް ގައިދީއަކު މަރުވެއްޖެ

ކ. މާފުށީ ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގްމާން މިއަދު ވިދާޅުވީ 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އައި އުމުރުން 32 އަހަރުގެ ޒުވާނަކު މިއަދު ހެނދުނު 7:50 ހާއިރު މަރުވީ ވަރުދެރަވެގެން ޖަލުގެ މެޑިކަލް ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޖަލުގައި މަރުވެފައި ވަނީ މ. ވައިޖެހޭ، އިބްރާހިމް އަސްގަރެވެ.

"ޖަލުގެ މެޑިކަލް ސެންޓަރަށް އިއްޔެ ހަވީރު ގެންދިޔައީ ގައިގައި ވަރުދެރަ ވާތީ. އެތަނަށް ގެންދިޔައިރު އެހާ ހާލު ދެރައެއް ނޫން. އެކަމަކު މިއަދު ހެނދުނު އޭނާ މާލެ ގެންނަން އުޅެނިކޮށް މަރުވީ،" ލުގްމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗްގައި ބާއްވާފައިވާ ކަމަށެވެ.

ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން މި އަހަރުގެ މިހާތަނަށް އަށް މީހަކު މަރުވެފައިވާ ކަމަށްވެ އެވެ.