ގުރުއާން ތަރުޖަމާ އުކާލި މައްސަލަ ބަލަނީ
ގުރުއާން ތަރުޖަމާ އުކާލި މައްސަލަ ބަލަނީ

ކ. ތިލަފުށީ ގޮނޑަށް ގިނަ އަދަދެއްގެ ގުރުއާން ތަރުޖަމާތަކެއް އުކާލާފައި ހުރި މައްސަލަ ބަލަން ވެމްކޯ އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު ވަރަށް އާ އަދި ފޮށިތަކުގައި ހުރި ދިވެހި ތަރުޖަމާތަކެއް ވެސް އޭގެ ތެރޭގައި އެބަހުއްޓެެވެ.

ތިލަފުށީގައި ކުނި މެނޭޖު ކުރާ ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ރިސޯޓުތަކުންނާއި އެހެން ރަށްތަކުން ކުނި އުކަން ތިލަފުއްޓާ ގާތްކުރާ ޖެޓީގައި ފޮށިގަނޑުތަކުގައި ހުރި ގުރުއާނުގެ ތަރުޖަމާތަކެއް ކަމަށެވެ.

އެކަން ވެމްކޯގެ މުވައްޒަފުންގެ ސަމާލުކަމަށް އައުމާއެކު ގުރުއާނު ތަރުޖަމާގެ ފޮތްތައް ނަގައި ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެކަން ކުރި ބަޔަކު ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ.

ވެމްކޯގެ ބަޔާނުގައި ބުނިގޮތުގައި ގުރުއާނާއި މުހިއްމު ލިޔެކިޔުންތައް ގެންދާއިރު، އަމަލުކުރަންޖެހޭ ވަކި އުސޫލެއް އޮވެ އެވެ. ނަމަވެސް ތަރުޖަމާތައް ގެންދިޔައިރު އެގޮތަށް އަަމަލުކޮށްފައިނުވާ ކަމަށް ވެމްކޯއިން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވެސް ވިދާޅުވީ ތިލަފުށީ ގޮނޑަށް ގުރުއާނުގެ ތަރުޖަމާ އުކާލި މައްސަލަ ބަލަމުން އަންނަ ކަމަށެެވެެ.

އުކާލުމަށް ތިލަފުއްޓަށް 1000 އެއްހާ ތަރުޖަމާ ގެންދިޔަ ކަމަށް ވެ އެވެ.