އޭސީސީގެ ނަޒާހަތްތެރިކަމާ ދޭތެރޭ ސުލައިމާން ސުވާލު އުފައްދަވައިފި
އޭސީސީގެ ނަޒާހަތްތެރިކަމާ ދޭތެރޭ ސުލައިމާން ސުވާލު އުފައްދަވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނަޒާހަތްތެރިކަމާ ދޭތެރޭ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން މިއަދު ސުވާލުއުފައްދަވައިފި އެވެ.

އޭސީސީގެ ނަޒާހަތްތެރިކަމާ ދޭތެރޭ ސުލައިމާން ސުވާލު އުފައްދަވައިފި
އޭސީސީގެ ނަޒާހަތްތެރިކަމާ ދޭތެރޭ ސުލައިމާން ސުވާލު އުފައްދަވައިފި

ސުލައިމާން މިގޮތަށް ސުވާލު އުފެއްދެވީ، އޭސީސީން ތަހުގީގުކުރާ މައްސަލައެއްގައި އޭނާ މިއަދު ހާޒިރުކުރުމުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ސުލައިމާން ވިދާޅުވީ އޭސީސީ އަށް އޭނާ ހާޒިރުކުރީ ސީދާ ކޮން މައްސަލައެއްގައި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ކޮމިޝަނަށް ހާޒިރުކުރީ ކޮން ކަމަކާ ގުޅިގެންތޯ ސުވާލު ދެންނެވުމުން، އެއީ އިލެކްޝަންސް ކޮމިޝަނާ ގުޅޭ މައްސަލައެއްގައި މައުލޫމާތު އޮޅުންފިލުވަން ކަމަށް އޭސީސީގެ ތަހުގީގު ޓީމުން ބުނި ކަމަށް ސުލައިމާން ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭސީސީން ބަލަނީ މިދިޔަ އަހަރު އެ ކޮމިޝަނަށް ލީގަލް އޮފިސަރެއްގެ މަގާމަށް މުވައްޒަފަކު ނެގި މައްސަލަ އެވެ. އޭސީސީ އަށް މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތުކޮށްފައިވާ ގޮތުގައި، ޝަރުތު ހަމަވާ މީހުން ތިއްބައި މުވައްޒަފު ނެގީ ކޮމިޝަންގެ މެމްބަރުންގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެންނެވެ.

ސުލައިމާން ވިދާޅުވި ގޮތުގައި ކޮމިޝަންގެ މައްޗަށް ތުހުމަތުކުރާ މައްސަލަ އޭސީސީން ކުރިއަށް ގެންދިޔައީ މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލުންނާއި ހެކިން ވެސް ބައިތިއްބައިގެންނެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަންގެ ތިން މެމްބަރަކާ މީގެ ކުރިން އޭސީސީ އަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު އެ ފުރުސަތު ނުދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައި އެބައޮވޭ އެފަދަ މައްސަލަތަކުގައި މަދަނީ، ޖިނާއީ ދައުވާއެއް ނުކުރެވޭނެއޭ. އަޅުގަނޑު ދެންނެންވީ އެހެން ވެއްޖިއްޔާ ކީއްކުރަން ކުރާ ތަހުގީގެއްހޭ. ކޮންކަމަކާ ގުޅޭގޮތުންހޭ އަޅުގަނޑު ހާޒިރުކުރީ،" ސުލައިމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ތިން މެމްބަރަކު އޭސީސީ އަށް ހާޒިރުކުރިއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ކޮމިޝަނުން އޭސީސީ އަށް ހުށަހެޅި މައްސަލަ އަދިވެސް ތަހުގީގު ނުފަށަ އެވެ. އެ މައްސަލަ ހުށަހެޅީ އެއީ ދައުލަތަށް ގެއްލުންވާ މައްސަލައަކަށްވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލެކްޝަނުން އޭސީސީ އަށް ހުށަހެޅީ ކުރީގެ ކޮމިޝަން އޮތްއިރު، ކޮމިޝަންގެ ނިންމުމަކާ ނުލައި މެމްބަރަކު މުވައްޒަފަކަށް ސްކޮލަޝިޕެއް ހަމަޖައްސައި އިލެކްޝަނުގެ ބަޖެޓުން ފައިސާ ހަރަދުކުރި މައްސަލަ އެވެ.

"މި މައްސަލަ ހުށަހަޅައިގެން ޖަވާބު ނުލިބިގެން މިދިޔަ މެއި މަހުގެ ތެރޭގައި ވެސް ކޮމިޝަނުން ސިޓީއެއް ފޮނުވި. އެކަމަކު މިހާތަނަށް އެ މައްސަލާގައި ކޮމިޝަނާ އެއްވެސް ސުވާލެއް ކޮށްފައެއް ނުވޭ،" ސުލައިމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭސީސީން ވެސް މައްސަލަތައް ތަހުގީގުކުރަން ޖެހޭނީ މިނިވަންކަމާ އެކު އެވެ. އެކަމަކު އީސީއާ ގުޅޭގޮތުން މިހާރު ބަލަމުންދާ މައްސަލާގައި އެ ކޮމިޝަނުން ވަކި އަތަށް ޖެހިގެން ތަހުގީގުކުރަމުން އަންނަ ކަމަށް ބެލެވޭ ކަމަށް ސުލައިމާން ވިދާޅުވި އެވެ.