ނަޝީދު އިންޑިއާ އަށް ވަޑައިގެންފި
ނަޝީދު އިންޑިއާ އަށް ވަޑައިގެންފި

ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވެ ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އަށް މިއަދު ވަޑައިގެންފި އެވެ.

މިއީ، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ފަހުން އިންޑިއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ބޭރަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވާފައިވާ ނަޝީދު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދެވި ނަމަވެސް ދޭތެރެ ދޭތެރެ އިން ސްރީ ލަންކާ އަށް ވަޑައިގަންނަވަ އެވެ.

ނަޝީދުގެ އޮފީހުން ބުނިގޮތުގައި އެމަނިކުފާނު އިންޑިއާ އަށް ވަޑައިގަތީ އެ ގައުމުގެ ރިސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީސް އިން އިންތިޒާމް ކުރާ "ސައުތު ސައުތު އެންޑް ޓްރޭންގިއުލާ ކޯޕަރޭޝަން“ ގެ ނިންމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ތަގުރީރު ކުރެއްވުމަށެވެ.

ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ގުޅުމާއި އިގްތިސާދީ ކުރިއެރުމާ ގުޅޭގޮތުން ދިއްލީގައި އޮންނަ ކޮންފަރެންސްގައި ދުނިޔޭގެ 40 ގައުމަކުން ބައިވެރިވެ އެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ މަޝްހޫރު އިލްމުވެރިންނާއި ތަރައްގީއާ ގުޅޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް، ހާއްސަކޮށް ގައުމުތަކަށް ސިޔާސީ ގޮތުންނާއި އިގްތިސާދީ އަދި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

މި ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒްގެ ޖޮއިންޓް ސެކެރެޓަރީ ދެއްވާ ފަރިއްކޮޅާއި ރިސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީސްގެ ޗެއާޕާސަން އެމްބެސެޑަރު ހަރްދީޕް ޕޫރީގެ ދެއްވާ ފަރިއްކޮޅަކަށް ނަޝީދަށް ދައުވަތު އަރުވާފައިވާ ކަމަށް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ.

ރާއްޖެއާ ގާތް ގުޅުމެއް އޮންނަ އިންޑިއާ އަށް ނަޝީދު މި ވަޑައިގަންނަވަނީ ސަރުކާރުގެ އަމަލުތަކަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ. ނަޝީދުގެ ދަތުރުފުޅުގައި ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭގޮތުން ވެސް އެކި ފަރާތްތަކާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދު ޖަލަށް ލުމުން، އިންޑިއާ އިން ދިވެހި ސަރުކާރަށް ޕްރެޝަރުތަކެއް ކުރިމަތިކުރި އެވެ. ނަޝީދު ބޭސްފަރުވާ އަށް ދޫކޮށްލީ، ރާއްޖޭގެ ސިޔާސީ އެކި ކަންކަމާ ގުޅޭގޮތުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަރަށް ކައިރި ކައިރީގައި ރާއްޖެ ވަޑައިގެން ސަރުކާރާ އެކު މަޝްވަރާތައް ބާއްވާފައި ވަނިކޮށެވެ.

ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމްކުރުމާއި އެންމެންނަށް ބައިވެރިވެވޭ އިންސާފުވެރި އިންތިހާބެއް ބާއްވައިދޭން އެހީތެރިވެ ދިނުމަށް ނަޝީދު ވަނީ ތަކުރާރުކޮށް އެ ގައުމުގެ ސަރުކާރަށް ގޮވާލައްވައިފަ އެވެ. އިންސާފުވެރި އިންތިހާބެއް ބޭއްވޭނީ އިންޑިއާގެ އެހީތެރިކަން ލިބިގެން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.