ޓޭލާ ސްވިފްޓްގެ އާ އަލްބަމް "ރެޕިއުޓޭޝަން" ނޮވެމްބަރުގައި ނެރެނީ
ޓޭލާ ސްވިފްޓްގެ އާ އަލްބަމް "ރެޕިއުޓޭޝަން" ނޮވެމްބަރުގައި ނެރެނީ

އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާ އަލްބަމެއްގެ މަސައްކަތް ކުރަމުން އަންނަ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން، އޭނާގެ ހަ ވަނަ އަލްބަމް "ރެޕިއުޓޭޝަން" ނެރޭކަން އިއުލާންކޮށްފި އެވެ.

އަންނަ ނޮވެމްބަރު މަހުގެ 10 ގައި ރިލީޒް ކުރަން ތާވަލްކޮށްފައިވާ މި އަލްބަމަކީ ތިން އަހަރު ފަހުން ޓޭލާ ނެރޭ ފުރަތަމަ އަލްބަމެވެ. ހަތާވީސް އަހަރުގެ ލަވަ ކިޔުންތެރިޔާ އެންމެ ފަހުން އަލްބަމެއް ނެރުނީ 2014 ގަ އެވެ. އެއީ "1989" އެވެ.

"ރެޕިއުޓޭޝަން" ރިލީޒް ކުރާކަން އިއުލާން ކުރުމާ އެކު، ޓޭލާ ވަނީ ބުރާސްފަތި ދުވަހުގެ ރޭ އަލްބަމްގެ ލަވައެއް ވެސް ފޭނުންނަށް ދޫކޮށްލައިފަ އެވެ.

އެހެން ނަމަވެސް އަލްބަމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އަދި "ރެޕިއުޓޭޝަން" ގައި ހިމެނޭނީ ކިތައް ލަވަ ކަމެއް ވެސް ނޭނގެ އެވެ.

އެ އަލްބަމް ރިލީޒް ކުރާ ތާރީހާ އެކު، ޓޭލާ ވަނީ އަލްބަމްގެ ކަވަރު ވެސް އިސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ކަޅާއި ހުދުގެ ފޮޓޯއެއް އިން ކަވަރުގައި ޓޭލާގެ ނަން ވަރަށް ގިނަ އަދަދަކަށް ލިޔެފައިވެ އެވެ.

ދިހަ ގްރެމީ އެވޯޑް ހޯދާފައިވާ ޓޭލާ ކުރިން ނެރުނު އަލްބަމްތަކުގެ ތެރޭގައި ރެޑް (2012)، ސްޕީކް ނައު (2010)، ފިއާލެސް (2008) އަދި ޓޭލާ ސްވިފްޓް (2006) ހިމެނެ އެވެ.